އަންހެނުންނަށް ފަނޑިޔާރު ކަމާއި ރައީސްކަން ވެސް ކުރެވެން ވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ނެރޭ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ނެރުމަށް ތާއީދުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވުމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެ ފާޑުކިޔުންތަކައް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މަތީ މަގާމުތަކަށް އަބަދު ގެންނަންވީ ފިރިހެނުން ނޫން ކަމަށާއި އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ހުރި ތަފާތު ނައްތާލަންޖެހޭ ކަމަށެވެ.

"އަންހެނެއް ފިރިހެނެއް، މާލޭ މީހެއް، ރާއްޖެތެރޭ މީހެއް، މިހެން ތަފާތު ކުރުން ހުއްޓާލަންޖެހޭ. އަންހެނުންނަށް ފަނޑިޔާރުކަން އަދި ރައީސްކަން ވެސް ކުރެވެން ވާނެ" އަލީ ވަހީދު ވިދާޅުވިއެވެ.

ރަނިން މޭޓަކަށް ގާސިމްގެ އަނބިކަނބަލުން ނެރުމަށް އަލީ ވަހީދު ގޮވާލެއްވިއިރު ރައީސް ކަމަށް އިންތިހާބު ކުރަން އޭނާ ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް ރޭ ވަނީ އެއްބަސްވެފައެވެ.

ރޭ އިދިކޮޅު ނެރުނު ބަޔާނުގައި އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓާ އެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވަނީ ބުނެފައެވެ.

މި ނިންމުން ނިންމާފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ކުރީގެ ރައީސް ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.

އިދިކޮޅު ކެންޑިޑޭޓަކާ މެދު އެމްޑީޕީން މިއަދު ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    އަލީ ވަޙީދަކީ ލިބޭތާ ފެންނަގަންކެރޭމީހެއްކަން މާކުރިންވެސް އެގޭ އެކަމަކު އިސްލާމްދީން އެގޭނީ ވަރަށް ކުޑަކޮށް. އެހެންވީމަ ކޮސްނުގޮވާ ހުރެވޭތޯ ބަލާ

  2. ތިމަންނަ

    ޑޮލްފިން އަކީ ގެންގުޅޭ މީހާ ޓްރެނިންގ ކުރިގޮތަކަށް އުޅޭ އެއްޗެއް ، ކޮންމެ ގޮތެއް ހަދައިގެންވެސް ފެން އޮތްތާކަށް މަސްދާނެ ...

  3. ހުސޭނުބޭ

    އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރީމާ އެ އޮތީ އެކަން ކުރެވިފައި. އެކަމަކު އަހަރެމެންގެ ކޮންމެ ކަމަކީ އެކަމާމެދު ސުވާލުކުރެވޭނެ ކަންތަތއްތައްކަން އަހަރެމެން ވިސްނަންވާނެ. ދީނާ ޚިލާފު ކަންކަމަކީ މިއަދު ޔޫރަޕު މީހުން ރުއްސަން ކުރާ ކަމެއްކަމުގައި ވިއަސް އެކަމުގެ ވޭން އަންނަން އޮތް ދުވަހު ވަރަށް ބޮޑުވާނެ!

  4. މުނާ

    ލާރިއަށް އަޅުކަންކުރާ މީހުންނަށް ލާރިފެނުނީމަ ﷲ ގެ އަމުރުފުޅުތަކައި ޚިލާފުވާ މަންޒަރު...

  5. ނަން

    އިސްލާމީ ޝަރިއަތުގަ އޮންނަ ގޮތެއް ނޫން އެއީކީ.
    އަލީ ވަހީދަށް ވވވ ސަލާން