ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ލިބިފައި އޮއްވާ އޭނާ ފްލެޓް ލިސްޓުން އުނިކޮށްފައި ވާތީ އެހެން މީހަކަށް އެ ފްލެޓް ނުދީ މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަކުރި ކެޓަގަރީން މީހަކަށް ފްލެޓް ލިބިފައިވާކަން އަންގާފައިވާ ވަނިކޮށް ސަރުކާރުން ފަހުން ވަނީ އޭނާއަށް ފްލެޓް ނުދޭން ނިންމައިފައެވެ. އޭނާ އަށް ފްލެޓް ދޭން ފުރަތަމަ ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އަދި މިސަރުކާރުން ފުރަތަމަ އިއުލާން ކުރި ލިސްޓްގައި ވެސް އޭނާގެ ނަން ފްލެޓް ލިބޭ މީހެއްގެ ގޮތުގައި އޮތެވެ. ނަމަވެސް ފަހުން ފައިނަލް ލިސްޓް އިއުލާން ކުރިއިރު އޭނާގެ ނަން ވަނީ އުނިކޮށްފައެވެ.

އެމައްސަލައިގައި އޭނާ ވަނީ އޭނާގެ މައްސަލަ އާއި މެދު ކޯޓުން ގޮތެއް ނުނިންމަނީސް އެހެން މީހަކަށް ފްލެޓް ނުދޭން ވަގުތީ އަމުރެއް ނެރެ ދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ. ސިވިލް ކޯޓުން އެގޮތަށް ނިންމުމުން އެ މީހާގެ ފަރާތުން ހައި ކޯޓުގައި އެމައްސަލަ ވަނީ އިސްތިއުނާފް ކޮށްފައެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެމައްސަލަ ނިމޭ ގޮތަކުން އެ މީހާއަށް އަލުން ފްލެޓް ދޭން ޖެހިއްޖެނަމަ، އެ މީހާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓެއް ދެވޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެއީ އެ މީހާއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި އެހެންވެ، އޭނާއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް އެބައޮތް ކަމަށް އެ ހުކުމުގައިި ވަނީ ބުނެފައެވެ.

އެކަންކަމަށް ރިޔާއަތްކޮށް ތިން ފަނޑިޔާރުން ކުރި ހުކުމުގައިވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތް އޮތުން ތަންފީޒު ކުރަން ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގާ ކަމަށެވެ.

މިމައްސަލަ ހައިކޯޓުން ބައްލަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތުގައި ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފްލެޓޭ

    ތިވީ ވަރަށް ރަނގަޅަށް . މަގޭ ނަންވެސް އޮތް ފައިނަލް ލިސްޓުން ކަޓުވާލީ 50 އަށް ވުރެ މަތިން ޕޮއިންޓްވެސް ލިބިފަ އޮތީ . ތިމައްސަލަ ނިމޭ ގޮތަކުން ކޯޓަށް ވަންނާނަން

  2. އަބްދޫ

    ޔާމީނުގެ ސަރުކާރުން ނެރެ ގެޒެޓް ކުރި ފްލެޓް ލިސްޓަކީ ވެސް ގާނޫނީގޮތުން ސައްހަ ލިސްޓެއް.އެލިސްތަށް ބަދަލުގެނައުމުގެ ހައްގެއް މިސަރުކާރަކަށް ލިބިގެނެއްނުވޭ.އެކަމަކު އެހުރިހާކަމެއް ނިމިގެން ދިޔައިރު އަޅާނުލާ ތިބުމަކީ ވެސް ހެދި ގޯހެއް؟