މިއަދު މާލޭ ސަރަހައްދުގެ މޫސުން ގޯސްވެ، ވައި ގަދަވުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދަތުރުތަކަށް ބުރޫއަރައިފިއެވެ.

އޭވިއޭޝަން ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ޑައިވާޓް ކުރަން ވަނީ ޖެހިފައެވެ. މޫސުން ގޯސްވުމުން ފްލައި ޑްބާއީގެ ފްލައިޓަކާއި ފްލައިމީގެ ފްލައިޓެއް ވަނީ ޑައިވާޓް ކޮށްފައެވެ. އަދި ބައެއް ފްލައިޓްތައް ވަނީ ޑިލޭ ވެފައެވެ. އިންޓަނޭޝަނަލް ބައެއް ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން ވައިގެ ތެރޭގައި ބުރު ޖަހަމުން މިހާރު ވެސް އެބަގެންދެއެވެ.

މިހާރު އެއާޕޯޓަށް ނުޖެއްސިގެން އުޅޭ ފްލައިޓްތަކުގެ ތެރޭގައި ދޯހާ އިން މާލެ އަށް ދަތުރު ކުރަމުން އަންނަ ޤަތަރު އެއާވޭސްގެ ފްލައިޓަކާއި، މޮސްކޯ އިން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން އަންނަ އެއިރޯފްލޮޓްގެ ފްލައިޓަކާއި ދުބާއީން މާލެ އަށް ދަތުރު ކުރަމުން އަންނަ އެމިރޭޓްސްގެ ފްލައިޓެއް ވެސް ހިމެނެއެވެ.

މާލޭ ސަރަހައްދުގެ ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވެފައި ވާތީ އެމްޓީސީސީ އިން މިހާރު ވަނީ ވަގުތީ ގޮތުން މާލޭ ސަރަހައްދުގެ ފެރީ ދަތުރުތައް ވެސް ހުއްޓާލާފައެވެ. އަލުން ފެރީ ދަތުރުތައް ފަށާނީ މޫސުން ރަނގަޅު ވުމުންނެވެ.

މިއަދު ހެނދުނު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ.