މިއަދު ހެނދުނު އައި ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ތެޔޮ ބޯޓެއް ވިލިމާލޭ ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހެނދުނު 09:35 ކަންހާއިރު "ޓްރާންސްޕޯޓް ފިއުލް-09" ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓެއް ވިލިނގިލީ ފަރުމައްޗަށް އަރާފައިވާ ކަމަށެވެ. އެބޯޓްގައި ތިބީ ސްރީލަންކާގެ މީހަކާއި ބަންގްލަދޭޝްގެ ދެމީހެކެވެ.

މިއަދު ހެނދުނު ފޭދޫ ފިނޮޅު ފަރުމައްޗަށް ވެސް ޓަގްބޯޓެއް ވަނީ އަރާފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހެނދުނު 09:52 ކަންހާއިރު "މެރީނާ-1301" ނަމަކަށް ކިޔާ ޓަގްބޯޓެއް ފޭދޫ ފިނޮޅު ފަރުމައްޗަށް އަރާފައިވާ ކަމަށެވެ. އެބޯޓުގައި ތިބީ އިންޑޮނޭޝިއާގެ ނުވަ މީހުންނެވެ. އެބޯޓު ފަރަށް އެރީ ވެސް ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

މިއަދު ރާއްޖެ އަށް މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. މިއަދު މިހާތަނަށް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

މިއަދު ހެނދުނު މާލެ ސަރަހައްދަށް އައި ކޮޅިގަނޑާއި ގުޅިގެން މާލޭ ސަރަހައްދުގެ ފެރީ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. މިއަދު ހެނދުނު ޖެހުނު ގަދަ ވައިގެ ސަބަބުން ސައިކަލް ދުއްވަން ވެސް ދަތިވިއެވެ. ސިނަމާލެ ބުރިޖު މަތިން ދަތުރު ނުކުރެވިގެން ބައެއް މީހުން ވަނީ ދަތުރުނުކޮށް މަޑު ވެސް ކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވާ ގޮތުގައި މިއަދު އިރުއޮއްސުމާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ.