މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެންގުޅެނީ އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި ފާސްކޮށްފައި ނުވާ ދިދައަކާއި، ލޯގޯއެއް ކަމަށް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިފަދައިން ވިދާޅުވީ އެމްއެންޕީގެ ފޯމުތަކާއި ހަވާލުވުމަށްފަހު އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި ބައްދަލުކުރައްވާ ވާހަަކަދައްކަވަމުންނެވެ.

ހަބީބް ވިިދާޅުވީ އެމްއެންޕީގެ ދިިދައާއި ލޯގޯއާއި ގުޅޭ ގޮތުން ގިނަ ފަރާތްތަކުން އެ ކޮމިޝަނާއި ސުވާލުކުރާ ކަމަށެވެ. އަދި އެޕާޓީން މިހާރު ބޭނުންކުރަމުންދާ ލޯގޯއާއި ދިދަ އިލެކްޝަނުން އަދި ފާސްކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޕީ އިން އީސީއާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން އީސީގެ ނައިބު ހަބީބް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހަދު އަބްދުﷲ

މި ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވަމުން ހަބީބް "ވަގުތު" އަށް ވިދާޅުވީ ޕާޓީގެ ލޯގޯއާއި ދިދަ ފާސްކުރާނީ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށެވެ. ކޮންގެރެސް ބޭއްވުމުގެ ހުއްދަ ދޭނީ 3000 މެމްބަރުންގެ ސޮޔާއި އެކު ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅުމުންނެވެ.

އެމްއެންޕީއިން މިއަދު ވަނީ 5000އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއި އެކު އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް ހުށަހަޅާފައެވެ. ޕާޓީގެ ކޮންގްރެސް ބާއްވަން ހުއްދަ ދޭނީ މި ފޯމްތައް އީސީން ބެލުމަށްފަހުއެވެ.

ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް މެމްބަރުން އައްޔަން ކުރުން އޮންނާނެއެވެ. އަދި ޕާޓީގެ އާންމު ގަވާއިދު ފާސްކުރުމާއި، ލޯގޯއާއި ދިދަ ފާސްކުރުންވެސް އޮންނާނެއެވެ.

އެ ބައްދަލުވުމުގައި ޕާޓީއިން ނިންމިކަންކަން އިލެކްޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން ޕާޓީގެ އާންމު ގަވާއިދަކީ ރާއްޖޭގެ ގާނޫނުތަކާއި ފުށުނާރާ އުސޫލެއްތޯ އީސީން ބަލާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ޕާޓީގެ ލޯގޯއާއި ދިދައަކީ ގާނޫނީ މިންގަނޑަށް ފެތޭ ދިދައެއްތޯ ކަށަވަރުކުރާނެ ކަމަށްވެސްވެއެވެ.

ޕާޓީީގެ ރަސްމީ ދިދައާއި ލޯގޯ ފާސްވާނީ އެ މަރުހަލާތަކަށްފަހުގައި ކަން ހަބީބު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސިޔާސީ ހަރަކާތެއް ފެށުމަށް މީހުން ހޯދޭނީ ކޮންމެސް ތަސްވީރެއް ނުވަތަ އެއްޗެއް ދައްކައިގެން ކަމަށްވާތީ، ނުރަސްމީ ސިފައެއްގައި ދިދައަކާއި ލޯގޯއެއް ބޭނުން ކުރުން ކުށަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެމްއެންޕީ އިން އީސީއާއި ބައްދަލު ކުރަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހަދު އަބްދުﷲ

އެމްއެންޕީއިން މިހާރު ގެންގުޅޭ ލޯގޯގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ގަދަ ނޫކުލައެވެ. އެ ލޯގޯގެ އެތެރޭގައި ވަނީ ހުދު ކުލައިގެ ހަނދުފަޅިއެއް ފަދަ ބުރެއްގެ ބައްޓަމަކަށް އިން އެއްޗެކެވެ. އޭގެ އެތެރޭގައި ތިން ތަރިއެއް އިނެވެ. އެއް ތަރި އިނީ ލޯގޯގެ މަތީގައެވެ. އެ ތަރިއަށް ވުރެ ކުޑަ ދެ ތަރިއެއް ތިރީގައި އިނެވެ. އަދި މެދުގައި ދިވެހި ރުކުގެ ހަ ފަންވަތެއް ފެނެއެވެ. ރުކުގެ ފަންވަށް ހުރީ ފެހި ކުލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުރާލިދޮންބެ

    މުރާލި ކަމުން ޤަވާއިދުވެސް ނޭގޭ
    އެހާ ބޮޑަށް ވެރިކަން ބޭނުންވީމަ ވެދާނެ ތިހެން

    15
    2
  2. ކަދުރޭ

    ތިޔަ އެއްޗެއް ފާސް ނުވެއްޖެއްޔާ މަށަށް ރަނގަޅީ. މަޖާ ވާނެ އެއިރަށްް 🤣

  3. މުރާލިޕާޓީ

    މިހާތަނަށް އެންމެ އަވަހަށް ރަޖިސްޓްރީ ކުރުމަށްޓަކައި އިލެކްޝަނަށް ފޯމްހުށަހެޅި ސިޔާސީ ޕާޓީއެއް ޕާޓީއަކަށް އެމްއެންޕީއިން ވުމަކީ އިއްތިފާގެއް ނޫނެވެ. އިލެކްޝަން އާރައީސަކީ ފޯދްތައުފީގު ވުމާއެކު ބާރުސްޕީޑްގައި ފޯމްތައް ވެރިފައި ކުރެވޭނެ ޕާޓީއަކަށް އެންއެންޕީ ވުމަކީ ވެސް އިއްތިފާގެއް ނޫނެވެ. އެއީ ފިސްތޯލަނާޒިމުގެ މުރާލިކަމެވެ.