ރާއްޖެއިން މީހުން އުމްރާއަށް ގެންދާ ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދަ އެއް އަހަރު ދުވަހަށް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރާއި ހިސާބަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާތީ އެ ކުންފުނިތަކަށް އިތުރު އެއް އަހަރުދުވަހުގެ މުއްދަތަށް އެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކަށް ހުއްދަ ދޫކުރެވިފައި ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގެ 24 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ މަތިން ކަމަށެވެ.

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ހައްޖާއި އުމްރާ ކުރުން މެދުކަނޑާލުމަށް ފަހު ސައުދީން އެންމެ ފުރަތަމަ ހައްޖާއި އުމްރާ ކުރުމަށް ހުޅުވާލީ އެގައުމުގެ ރައްޔިތުންނަށެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްކޮށް ސައުދީން ވަނީ ހައްޖު އަދި އުމްރާގެ އަޅުކަން ކުރިޔަށް ގެންގޮސްފައެވެ.

ސައުދީން ވަނީ ދުނިޔޭގެ ޤައުމުތަކަށް އުމްރާ އަދި ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ މިދިޔަ މަހު ހުޅުވާލައިފައެވެ. އެގޮތުން އެގައުމުން އެ ފުރުސަތު ހުޅުވާލީ ކޮވިޑްއިން ދިފާއު ވުމަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނިކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކެއް ފުރަބަންދުކުރިއިރު، މިހާރު ވެކްސިން ލިބި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމާއި އެކު ފުރަބަންދުގެ ހާލަތު އުވާލަން ވަނީ ފަށައިފައެވެ.