ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ. ކުދުހިގެ އިސްހާގް އާއި ގއ. ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީގެ ބަންދުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި ދެ މީހުންގެ ބަންދަށް ޖެހި ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ ގެންގޮސްފައެވެ. މީގެ ތެރެއިން އިސްހާގްގެ ބަންދަށް ޖަހާފައި ވަނީ އިތުރު 10 ދުވަހެވެ. އަދި ފަހުމީގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، އިސްހާގަކީ ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާ ކުރި އެކަކެވެ. ހަމަލާ ދޭން ރިމޯޓް ބޭނުން ކުރި އަހުމަދު އަދުހަމް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނީ އިސްހާގެވެ. އަދި ފަހުމީ އަކީ ވެސް އެ ކަމުގައި އެކި ދައުރު އަދާ ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ދެ މީހުންގެ މައްޗަށްވެސް ދައުވާ ކުރަން މިހާރު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ފަހުމީ އަލީގެ މައްޗަށް އުފުލީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ.

އިޝްހާގުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، އަދި ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.