ށ.މަރޮށީގެ ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

ޑިޒައިނިންގ އެންޑް ބިލްޑިންގ އުސޫލުން އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގް އެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ.

މިއީ 43 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 420 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 26،330.00 ކިއުބިކް މީޓަރަށް ބަނދަރާއި ނެރު ފުންކުރުން، 202 މީޓަރަށް ގްރޮއިން ޖެހުން، 490 މީޓަރަށް ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުން، 131 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 268 މީޓަރ ރިވެޓްމެންޓް ޖެހުން، ދެ ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.

އަދި 416 އެއްގަމު ތޮށި ޖެހުމާއި 75 މޫރިންގ ބޮއި ހަރުކުރުމާއި، 12 މޫރިން ބޮއި ހަރުކުރުމާއި، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އެޅުމާއި ރޭމްޕް ހެދުން، 20 މަގު ބައްތި ހަރުކުރުން، 2080.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.