ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "ވަގުތު" ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ވަގުތީ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް "ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލު ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

އަފްރާހު ވިދާޅުވީ، ވަގުތީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ވަގުތީ އެ މިސްކިތް ނިންމުމަށް ދީފައި ވަނީ 80 ދުވަހުގެ މުއްދަތަކެވެ.

އަދިވަރަށް އަވަހަށް ދާއިމީ މިސްކިތެއް އެސަރަހައްދުގައި އިމާރާތް ކުރާނެ ކަމަށް އަފްރާހް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދައުލަތުގެ ބަޖެޓުން ވަގުތީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މިވަގުތު ފަށާފައިވާއިރު، އަމިއްލަ މީހަކު އިމާރާތް ކޮށްފައިވާ މިސްކިތެއް މިވަގުތު ނިމިފައިވެއެވެ. އަދި އިތުރު ދެ އަމިއްލަ ދެ މީހަކު އެސަރަހައްދުގައި މިސްކިތެއް އިމާރާތް ކުރުމަށް ހުއްދަ އަށް އެދިފައިވާތީ އެކަމުގެ ކަންކަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އަފްރާހު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެ ސަރަހައްދުގައި އަސާސީ ބައެއް ހިދުމަތްތައް އަދި ލިބެން ނެތުމުން އެކަމުގައި ދަތިތަކެއް ހުރި ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑުވަގު

    ދެކޮޅުން ކާލަންވެގެން އަބަދުވެސް މިސަރުކާރުން ކަންކުރަމުންދަނީ ވަގުތީ ކަންކަމެވެ. ރައްޔިތުން ކަލޭމެނާއި ވެރިކަން ހަވާލުކުރީ ދާއިމީ ކޮށް ކަންކަން ކުރުމަށެވެ. އުފެދުމުގައިވެސް ބޮޑެތި ވަގުންނަށް ކުރެވޭނީވެސް ކުރަންއެގޭނީވެސް ވައްކަމެވެ.