އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް މީގެ ކުރިން ވެސް އެ ކޮމީޝަންގެ ރައީސް ކަން ކުރައްވާފައިވާ ފުއާދު ތައުފީގް އިންތިޚާބުކޮށްފިއެވެ.

އީސީން ދެންމެ ކުރި ޓްވީޓެއްގައި ބުނި ގޮތުން، އެ ކޮމިޝަންގެ ރައީސް ކަމަށް ފުއާދު އިންތިޚާބު ކުރީ އެ ކޮމިޝަންގައި ދެން ތިއްބެވި ހަތަރު މެންބަރުންގެ ވެސް ތާއީދުން ކަމަށެވެ.

ކޮމިޝަންގައި ދެން ތިއްބެވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި މެންބަރު އަލީ ނަޝާތުއާއި މެންބަރު ޑރ. މުހައްމަދު ޒާހިރުއާއި، މެންބަރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުހައްމަދު އާސިފް (އިރުވައި އާސިފް) އެވެ.

ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެގެން ދިޔައީ 2018 ގެ ރިޔާސީ އިންތިޚާބުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޝަރީފް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ފުއާދަކީ 2008 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން އެންމެ ފުރަތަމަ އުފެއްދެވިއިރު ވެސް އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި ފުއާދު ހުންނެވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.

އޭރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ފުއާދަށް އަމާޒުވިއިރު، ސުޕްރީމް ކޯޓުން ވަނީ ފުރަތަމަ ބުރުގެ ވޯޓު ބާތިލްކޮށްފައެވެ. އެހެންވިޔަސް ފުއާދަށް އޭރު އަމާޒުވި ތުހުމަތުތައް ދޮގު ކުރައްވައެވެ.

އޭގެ ފަހުން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ގާތްވެފައިވަނިކޮށް ކޮމިޝަނުން ފުއާދު ވަކިކުރިއެވެ. ފުއާދު ދެން ރާއްޖޭން ބޭރަށް ވަޑައިގެން ގުޅިވަޑައިގަތީ އެމްޑީޕީގެ ހަރަކާތްތަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުވެވަޑައިގަތް ފަހުން ފުއާދު އަލުން ރާއްޖެ ވަޑައިގަތެވެ.

2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރެއްވިއެވެ. އެހެންވިޔަސް އިންތިޚާބުން ލިބުނު ނާކާމިޔާބީއަށް ފަހު އެ އަހަރުގެ ފަހުކޮޅު އީސީން ހުސްވި މަގާމަށް ކުރިމަތިލައްވައިގެން އަލުން ކޮމިޝަނަށް ވަޑައިގަތެވެ.

އިލެކްޝަންސްގައި މަސައްކަތް ކުރެއްވުމުގެ ކުރިން ފުއާދު މަސައްކަތް ކުރެއްވީ އޭރު ހައުސިން މިނިސްޓްރީގެ ދަށުގައި އޮންނަ ތަފާސްހިސާބުގެ އިދާރާގައެވެ. އެއީ 1985 އިން 1992 އަށެވެ. 1992 އިން 2001 އަށް ސާކްގެ ސެކްރެޓޭރިއަޓްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2001 އިން 2008 އަށް އޭނާ މަސައްކަތް ކުރެއްވީ ޕްލޭނިން މިނިސްޓްރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓިޔަރީ

    ތިޔަ ނުވޭ މުހިއްމު ޚަބަރަކަށް ފުވާދަށް އެތަނުން ވަޒީދިން ދުވަހު ވެސް އަހަރެމެނަށް އެނގޭ ތިޔަހެން ވާނެކަން .2008 ގަވެސް ގަނޑު ފަށެއް ގަން ކަމަށް ވަނީ ޝާޑުއާ ފުވާދާ

  2. ފަރީދު

    ވަގުންނާއި ވާނީހަމަ ވަގުން

    20
  3. ހުސޭނުބޭ

    ގައިގެ ކުލަ ރީނދޫވުމުން ބަލަދުއަރާނެ!

  4. އުސްމާނު

    ފުއާދުއަށް އިލެކްޝަން ހިބައިންދޭންވީ. ދެބުރަަަށް އެކަން ހވާލުކުރާއިރު އެކަންކުރެވޭނެ އެހެންމީހަކު ނެތީ؟؟ ފުއާދުމެން މަައުމޫނުމެން ދެން ކަންކަމާ ނޫޅެ ގޭގައި ސަރަންފިގައި ތިބެންވީނު ޕެންޝަން ނަގއިގެން. ކިހިނެއްވެގެން މިމީސްމީހުން މިއުޅެނީ؟؟

  5. ގުދޯގުދޯ

    ކަންތަކާޖެހުނީތި

  6. އ މ ރ ބ

    ފުއާދުމެން މިހާރަކު ތިކަހަލަ މަޤާމްތަކަކަށް ކަމަކުނުދޭ، މާދުވަސްވެފާ ތިތިބީ، ރީތިކޮށް ބަސްއަހާގެން ގޭގައި ތިބެންވީ ދުވަސްމީ، ޒުވާނުންލާންވީ ތިޔަ މަޤާމަށް