ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ އަށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު ނޭޅި، އެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ދާތީ އާއިލާއިން ކަންބޮޑުވެއްޖެއެވެ.

ފަރުވާ ލިބުމުގައި ލަސްތަކެއް ދިމާވެގެން ކޮވިޑްގެ ބަލީގައި ނިޔާވި މިޝްކާގެ މަރުގެ މައްސަލާގައި ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިނޭއް ތައްޔާރު ކުރުމަށްފަހު އެ ހާދިސާއާއި ގުޅޭ ރިޕޯޓެއް ހެލްތު މިނިސްޓްރީއިން ވަނީ ފުލުހަށް ފޮނުވާފައެވެ.

ޖުލައި މަހުގެ ތެރޭގައި ފޮނުުވި އެ ރިޕޯޓުގައިވާ ކަންކަން ތަހުގީގު ކުރުމަށްފަހު ސިއްހީ އިދާރާއިން މިޝްކާއަށް އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދިވެސް އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފަޢީ ނުވާކަމަށް ފުލުހުން ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު "ވަގުތު" އާއި ވާހަކަދައްކަވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު އެ މައްސަލައާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ "އިތުރު އަޕްޑޭޓޭއް ދެވެން ނެތް" ކަމަށެވެ.

ތަހުގީގު ދިގުލައިގެން ދާން މެދުވެރިވާ ސަބަބުވެސް ފުލުހުން ހާމަކުރައްވާފައި ނުވެއެވެ.

މި މައްސަލައިގައި މިޝްކާގެ އާއިލާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ރައީސް އަހްމަދު ޝިފާއުއެވެ. އޭނާ "ވަގުތު"އަށް ވިދާޅުވީ ތަހުގީގު ދިގުލައިގެން ދިއުމާއި، އިހުމާލުވި ފަރާތްތަކަށް ދައުވާ ނުކުރެވި، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅި ގިނަ ދުވަސްވެގެން ދިއުމަކީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝިފާއު ވިދާޅުވީ ފުލުހުންނާއި ޕީޖީއިން ގުޅިގެން ހިންގާ އެ މައްސަލާގެ ތަހުގީގު ލަސްވެގެން ދަނީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާ ކޮންމެ ފަހަރެއްގައިވެސް ކޮންމެވެސް ތަންކޮޅެއް އިސްލާހުކުރުމަށްފަހު އަލުން ހުށަހަޅަން ފޮނުވާލާތީ ކަމަށެވެ.

އޭނާ ވަނީ އެ މައްސަލަ އަވަސްކޮށްދިނުމަށް ފުލުހުގައި އެދޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންނާއި ޕީޖީއިން ގުޅިގެން ހިންގާ މި ތަހުގީގު ނިމި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާ ކޮންމެ ފަހަރަކުވެސް ކޮންމެޥެސް ތަންކޮޅެއް އިސްލާހުކުރަން އަލުން ފޮނުވާލަނީ. އެއީ ކަމަށް ވަނީ މި މައްސަލަ ލަސްވާ ސަބަބަކީ. ތަހުގީގު ދިގުލައިގެން ދިއުމަކީ އާއިލާގެ ކަންބޮޑުވުމެއް" ޝިފާއު ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އާއިލާ އިން ބުނި ގޮތުގައި މިޝްކާ ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ. އެގޮތުން މިދިޔަ މެއި 31 ވަނަ ދުވަހުގެ ރޭ މިޝްކާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ ޖޫން މަހުގެ އެއް ވަނަ ދުވަހުގެރޭ ނިޔާވެފައެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.