އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އެ ޚިޔާނާތުގެ އެންމެ ބޮޑު ދެ ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްވި ބަޔާންތަކުގެ ވާހަކަތައް ދިމާނުވާ ކަމަށް ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން މި މައްސަލަ ގެންދެވީ އިސްތިއުނާފީ 22 ނުކުތާއެއް ހުށަހަޅުއްވައިފައެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމަކާއި، މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އާއި، މިއަދު ހެނދުނު ކުރިއަށް ދިޔަ އަޑުއެހުމުގައި ވެސް ކުރިއަށް ދިޔައީ ޔާމީންގެ ފަރާތުން މި ނުކުތާތަކުގެ ޚުލާސާ ޝަރީއަތަށް ހުށަހެޅުއްވުމުގައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާލް އަލީ ޒާހިރެވެ. ނުކުތާތައް ގެންދެވުން ލަސްވާ ކަމަށް ފާހަގަ ކުރައްވައި ވީހާވެސް ވަގުތު ބޭކާރު ނުވާނެހެން ގެންދަވަން ފަނޑިޔާރުންގެ ބެންޗުން އެދިވަޑައިގެންފައިވެއެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެއް ނުކުތާއަކީ އަދީބާއި ޒިޔަތު ތަހުގީގަށް ދެއްވި ބަޔާންތަކުގައި ދެއްކެވި ވާހަކަތަކާ މުޅިން ޚިޔާފަށް ޝަރީއަތުގައި ހެކި ބަސް ދިނުމެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައެއް ނުވާ ކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ހެކި ބަސް ދެއްވާފައިވާ ގޮތުން ޝަރީއަތަށް ދައުލަތުން ހުށަހަޅުއްވާފައިވާ ބައެއް ކިތާބީ ހެކިތަކާއި ޝަފައީ ހެކިތައް ނަފީވެގެން ވެސް ދާ ކަމަށެވެ. އެއީ އެ ފަރާތްތަކުން ދެއްވި ހެކި ބަހުގައިވާ ވާހަކަތާކައި އެހެން ހެކިތަކުގެ ވާހަކަތަކާ ވެސް ގުޅުމެއް ނެތުމުން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ.

މި ގޮތުން އަދީބުގެ މައްސަލާގައި ފާހަގަ ކުރެއްވި އެއް ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަދީބު ދެއްވި ބަޔާން ސިއްރު ކުރުމެވެ. އަދި ކުރިން ތަހުގީގަށް ދައްކާފައިވާ ވާހަކަތަކުން ހާމަކުރި މިންވަރާއި ޝަރީއަތުގައި އަދީބު ދެއްވި ހެކި ބަހުގައި ވެސް ތަފާތުތަކާއި ފުށު އެރުންތަކެއް ހުރި ކަމުގައި ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ޒިޔަތުގެ މައްސަލާގައި ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ ތަހުގީގުގައި ޒިޔަތު ވިދާޅުވި ވާހަކައެއް ކަމުގައިވާ ޔާމީން ފައިސާ ހޯދަން ޒިޔަތަށް ގުޅުއްވާ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ތަފާތުވުމެވެ. ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ވިދާޅުވަނީ ފައިސާގެ ހުރިހާ މުއާމަލާތެއް ހިންގެވީ އަދީބާ އެކު ކަމަށާއި، ޔާމީންއާ އެއްވެސް މުއާމަލާތެއް ނުހިންގަވާ ކަމަށެވެ.

ދައުލަތުގެ ހެކިތަކުގައި ދައުވާގެ މައުޟޫއު ފެންނާކަށް ނެތް

ޔާމީންގެ ވަކީލުން އިތުރު ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެއްވި ކަމަކީ ހެއްކާ ބެހޭ ގާނޫނުގެ ތަރަހައިގެ ބޭރުން ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތައް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަޒަން ކޮށްފައި އޮތް އޮތުން ކަމަށް ވިދާޅުވާ މައްސަލައެވެ.

ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަނޭޝަނަލް ހޮޓެލްސްއާއި އެމްއެމްޕީއާރުސީއާ ދެމެދު ވެފައިވާ ވޮޑަމުލާ ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅާފައިވެއެވެ.

އެ އެއްބަސްވުމުގެ އެއްވެސް ނުކުތާއެއްގައި ޔާމީންގެ ނަން ވެސް ނެތް ކަމާއި، ދައވާގެ މައުޟޫއުގައި ފާހަގަ ކުރައްވާފައިވާ އެއްވެސް ކަމެއް ވެސް ނެތް ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދައުލަތުން ހުށަހަޅުއްވާފައިވާ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީއާ ދެމެދުގެ ލީޒް އެގްރިމަންޓްގައި ވެސް ޔާމީންގެ އަމަލެއް ފެންނާކަށް ނެތް ކަމަށާއި މި އެގްރިމެންޓްއަކުން ދައުވާގެ މައުޟޫއު ފާހަގަކޮށްދޭނެ އެއްވެސް ކަމެއް ދައުލަތަކަށް ދެއްކިފައެއް ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

މި ލިޔުމުގައި ބަޔާންކޮށްފައިވާ ޗެކް ނަންބަރާއި އެސްއޯއެފް އިން ބަޔާން ކުރާ ޗެކް ނަންބަރާ ވެސް ތަފާތު ކަމަށް ޔާމީންގެ ވަކީލުން ފާހަގަ ކުރައްވައެވެ. އެހެންވިޔަސް މިދިޔަ މަރުހަލާތަކުގައި ޝަރީއަތުން ހަމައެކަނި ބަލައިގަތީ ދައުލަތުގެ ހެކިތައް ކަމަށާއި ދިފާއީ އެއްވެސް ނުކުތާއެއް ބަލައިގެންފައި ނުވާ ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނުލް

    " ނުކުތާތައް ގެންދެވުން ލަސްވާ ކަމަށް ފާހަގަ ކުރައްވައި ވީހާވެސް ވަގުތު ބޭކާރު ނުވާނެހެން ގެންދަވަން ފަނޑިޔާރުންގެ ބެންޗުން އެދިވަޑައިގެންފައިވެއެވެ " އެ ފެންވަރު މީހުން ފަނޑިޔާރުންނަށް ތިބީމަ ވާނެހާއެއްޗެއް މި ވަނީ ބަލަގަ މުއައްކިލް ބަލާނެތާ އޭނަގެ ސަލާމަތަށް ނުހައްގުން ކުރާ ޝަރިޢަތެއްގަ އަމްދުން ފަޔަށް ހިނިއަރައިގެން ކޮފީ އަށް ނުދެވިގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުޅެވިގެން ހެން ހީވަނީ އެ އުޅެނީ ! އެހެންތާ ވާނީ ގެރި މޯދީ މިހާރުވެސް ބުނެފަ އޮތީ ޔާމީން ދޫނުކުރަން ޔާމީން ދޫކޮށްފިއްޔާ އިންޑިއާއަށް ބޭސްފަރުވާއަށް ދާދިއުން ހުއްޓި ޑޮލަރު ވަނުން ހުއްޓޭނެ ވިއްޔަ