ޖިންސީ ގޯނާއާއި ދެކޮޅަށް އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލާ އައްޑޫސިޓީގައި މިއަދު ހަވީރު މުޒާހަރާއެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު 16:30 ގައި މުޒާހަރާ ބޭއްވުމަށް ނިންމާފައިވަނީ އެސިޓީގެ ޒުވާނުން އިސްނަގައިގެންނެވެ. "ހައްޔަރުކުރޭ" ނަމުގައި ބާއްވާ މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސިޓީ ސްކޮއާ ސަރަހައްދުގައެވެ.

މިފަދަ މުޒާހަރާއެއް ބާއްވަން ނިންމާފައިވަނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތަކުން ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަން "ވަގުތަށް" އެނގިފައިވެއެވެ. ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ.

އެ ކުއްޖާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ބުނީ ކުއްޖާ އާއި އިތުރު މީހުންގެ ބަޔާންތައް ފުލުހުން ނަގާފައިވީ ނަމަވެސް މިހާތަނަށް އައިއިރު ފުލުސް މީހާ ހައްޔަރުނުކޮށް ވަނީ ބައެއްގެ ނުފޫޒުން ކަމަށެވެ. އަދި އެމީހާ ހައްޔަރުނުކޮށް ހުރީމަ، މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

އަދި ކުއްޖާގެ އަގު ވައްޓާލަން ރަށު ތެރޭގައި އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާއަށް ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ހަފްތާގައި ވެސް ކުޑަ އަންހެން ކުއްޖަކަށް ދޮންބައްޕަގެ ފަރާތުން ޖިންސީ އަނިޔާތަކެއް ލިބުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ.