ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ހަކަތަ ސަމަކާރަ (އެނަޖީ އެފިޝިއެންޓް) މިންވަރު ދެނެގަތުމަށް "ހަކަތަރި" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ލޯންޗުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން ދިވެހި ރާއްޖެގައި ކަރަންޓު އާލާތުގެ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ ލޭބަލްޖެހުމުގެ ޕްރޮގްރާމެއް "ހަކަތަރި" ޕްރޮގްރާމުގެ ނަމުގައި ތައާރަފުކޮށް މިއަދު އިފްތިތާހު ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް އައިމިނަތު ޝައުނާއެވެ.

މި ޕްރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރެވޭ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ޚާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވަނީ ހަކަތަރި ލޭބަލިންގ ޕްރޮގްރާމުގެ ސަބަބުން، ހަކަތައަށް ކުރެވޭ ހޭދަ އިޤްތިސާދުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ރާއްޖޭއިން އަމާޒު ހިފާފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ އަމާޒުތަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ކުރިއެރުން ލިބިގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

ކަރަންޓު އާލާތްތަކުގައި ހަރުކުރާ މި ލޭބަލަކީ ކަރަންޓު މަދުން ބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ހަކަތަރި ލޭބަލިންގ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ އިމްޕޯޓު ކުރާ ފަރާތްތަކުން މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދިގެންނެވެ. އަދި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަނަރގައެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށްފެތޭ ތަކެތިތޯ ބަލައި، ލޭބަލްޖެހުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާއިރު ހުންނާނީ ހުއްދަ ދީފައިވާގޮތުގެމަތިން އެތަކެތީގައި ލޭބަލް ހަރުކުރެވިފައެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

ހަކަތަރި ލޭބަލިންގ ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުންނެވެ.

މިމަޝްރޫއުގެ މައިގަނޑު މަޤުސަދަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމެވެ.

ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީނަމަވެސް ކަރަންޓު ޚަރަދު ބޮޑުވެގެންދިއުމަކީ އެކަމުގެ ސަބަބުން ތަކުލީފުތަކެއްވެސް ކުރިމަތިވާކަމަކެވެ. އެހެންކަމުން ހަކަތަރި ޕްރޮގްރާމުގެ އެހީގައި ކަރަންޓު އާލާތްތައް ހޯދުމުގައި ހަކަތަރި ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިތުރާ

    ދެންކީއްވެގެން ޑީސެލްޢާޅާ 2 ޖެނެރޭޓަރ ހުރިހާރަށެއްގަ ތިގެންގުޅެނީ؟ ވަށައިގެން ކަންޑު އޮވެފަ، އިރުން ސޯލާބޭނުން ކުރެވޭނެ، ވަކިބަޔަކަށް މަންފާލިބޭތީތަ؟ ކަރަންޓު ބިލް އެހާބޮޑު، ހުސްއަނގަ !

  2. ލާމު

    ހަކަތަރި އަކީ ކޮބާ؟ ހަކަތަ ދެން ރި ކޮން އެއްޗެއްބާ؟ ހަކަ އާ ތަރި އަށް ވަންޏާ ތާކުންތާކުނުޖެހޭ ތަރިބާ؟