ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ސްޓޭލްކޯއިން އެއްކޮށް ހުއްޓާލައިފިއެވެ.

ސްޓެލްކޯއިން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމަށް ވަނީ ނިންމައިފައެވެ.

އެ މަސައްކަތުގެ ތެރެއިން މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ސްޓެލްކޯއިން ވާނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ކުންފުނިން ހިންގަމުން އަންނަ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފައެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، މި ނިންމުމާއެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ "ސްޓެލްކޯ ފެން" ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފައި". އޮފިޝަލް ވިދާޅުވިއެވެ.

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލުމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާއި އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލިނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން" މުޣުނީ ވިދާޅުވި އެވެ.

އެ ކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފަވެ.

މީގެ އިތުރުން މިކުންފުނީގެ ވިޔަފާރި ޚިދުމަތްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑްއޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރު

    ފުޅި ބަންދުކުރަން ބޭނުންކުރެއްވި މެޝިނަރީތަކާއި ސްޓޮކް އަގުދައްކާދައްކާ އަދާކުރާ ގޮތަށް އަޅުގަނޑުމެނަށް ވިއްކަންވީނުންތޯއެވެ. ފެންފުޅީގެ ޑިމާންޑް އައްޑޫގައި ވަރަށް ބޮޑެވެ.

  2. ނާރު

    ބަލަ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލީ ކޮބާ ދުންއެރުވުމުން ލިބޭގެއްލުން