ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އައްޑޫސިޓީން ރޭ ހައްޔަރު ކުރި ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ 16 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެކުއްޖާ އަށް ފުލުސް މީހާ ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ އިއްޔެ ހަވީރު ވަނީ އައްޑޫގައި މުޒާހަރާ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހައި ބައެއް މީހުންގެ ގައިގަ މުގުރުން ވެސް ޖަހާފައެވެ.

ކުއްޖާއާއި ބެހުނު ފުލުސް މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ގެ ކައިރީ އާއްމުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން އޭނާ އަށް ހިމާޔަތް ދީގެން ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހުގައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތު" ވިދާޅުވީ، އައްޑޫން ރޭގެ ވަގުތެއްގައި ހައްޔަރު ކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފުލުހެއް ކަމަށެވެ. އަދި ކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ އެފްސީޕީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ތަހްގީގު ކުރަމުން ގެންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުމީހާ

    ފުލުުހުންނަށް ތިޔަ ފުލުސް މީހާ ހައްޔަރު ނުކުރެވި ލަސްވި ސަބަބު ވެސް ބަލަން އެބަޖެހޭ. ކުޑަކުދިންގެ މައްސަލަ ބަލަން ހަވާލުވެ ތިބި ފުލުހުންގެ ވެރިން އެތަން ތަނުގެ އަންހެން މުވައްޒަފުން ގޮވައިގެން އުޅޭ ގޮތް ވެސް ބަލަން އެބަޖެހޭ.

    7
    3
  2. އެފްސީޕީޑީ

    އެފްސީޕީޑީ ގައި ތިބެނީ މައްސަލަ ބަލަން ވެސް ކުޑަކުދިން، ފުލުސް އޮފީހުން އެކަހަލަ މައްސަލަ ބަލަން ރަނގަޅު ފުލުހުން ހޯދާ ތަމްރީންކުރަން އެބަޖެހޭ، ތަންކޮޅެއް ފަރުވާކުޑަ އެތާ އުޅޭ ފުލުހުން، އާއިލާ ކުއްޖަކަށް ކަމެއް ވެގެން ދިޔާމަ މި އެނގެނީ މައްސަލަބަލާ މީހުންގެ ގާބިލުކަމެއް އަސްލު ނެތްކަން، ހަމީދުމެން މިކަން ބަލަން ޖެހޭ އެބަ!!!

    7
    3
  3. Anonymous

    މިވަރު ނުކުރިނަ ނުވެސް ބެލީސް. މި މިންގަނޑުން ކަންތައް ކުރިޔަށްގެންދަން ހުރިހާ ރައްޔްތުންނަށް މިހާރު އެގެންވާނެ. ނޫނީ ދާނީ ޗޮކުން