ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުއްވައިދެއްވީ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ކުރިމަތީގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017 ގައި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިފައިވެއެވެ. މި 3 ބުރީގެ އިމާރާތުގައި އޮފީސް އޭރިޔާއަކާއި، ރީޖަނަލް ޓްރެއިނިންގް ސެންޓަރެއްގެ އިތުރުން ސްޓާފް އެކަމަޑޭޝަންބައެއް ޤާއިމް ކުރެވިފައިވެއެވެ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވެފައެވެ.

އަދި ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަފުޅުގައި އަލަށް މި ޤާއިމް ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ ސިނާޔާތްތައް ތަރައްޤީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި އެންމެފަހުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން %50 ޑިއުޓީ މަޢާފްކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ޚިދުމަތް ހޯއްދަވާ
ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމުގެ އިތުރުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރުވެސް ކަސްޓަމްސްގެ ކޯލް ސެންޓަރ ހިނގަމުންދަނީ މި އިމާރާތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ފެސިލިޓީގައި ބޯޑަރުގައި މަސައްކަތްކުރައްވާ އިދާރާތަކާއެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް ރޭވިފައިވާއިރު، މި ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިންގް ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދެމުންއަންނަ ރަށަކަށްވެފައި، މިއަދު މި ހުޅުވުނު ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީހާއެކު ކުޅުދުއްފުށިން ދެމުންގެންދާ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހިމް

    އަޅުގަނޑު ފުރަތަމަ ހީކުރީ ކަސްޓަމްސް އޮފީސްވެސް ފަޅާލީކަމަށް

  2. އޮޅުވާލި ވޯޓު

    އަޅެލަދެ ނުގަނޭތަރައީސް ޔާމީނުގެ ތަރަށްގީގެރިބަންކަޑަން

  3. އަލީ

    ކޮބާތަ އިމިގްރޭޝަން އޮފީސް އެކުން ވާނެތަ؟؟

  4. ސަރިއްޕެ

    ތެންކް ޔޫ ޔާމީން.