އައްޑޫސިޓީގައި އިތުރު މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި މި މާރާމާރީގައި ޒަހަމްވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޒުވާނަކަށެވެ.

މި މާރާމާރީ ހިނގާފައިވަނީ ހިތަދޫގައި ހުންނަ ޗެކްމާކް ފިހާރަ ކައިރިންނެވެ. މިހާރު ފުލުހުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި މާރާމާރީއާއި ގުޅިގެން ޒުވާނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލީ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ފިރިހެން މީހާގެ ކޮނޑަށް ކޮންމެ ވެސް ވަރެއްގެ ޒަހަމްތަކެއް ލިބުނު ކަމަށާއި ސައިކަލުގައި ދެން އިން އަންހެން މީހާގެ އަތަށް ވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އައްޑޫސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:05 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އައްޑޫގައި އިތުރު މާރާމާރީއެއް ހިނގާފައިވާއިރު، މިއަދު މެންދުރުގެ ވަގުތެއްގައި ހިތަދޫ ފްލެޓް ސަރަހައްދުން ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮވެނީއޭ ހަމަ

    އަމިއްލަ އަތްތަކުން އިންދާ ފެންދީ ހެއްދި ގަސްތަކުގަ އެޅި މޭވާތަކުގެ ހިތިކަމާއެވެ..އޭގެ ހިތި ޒަހަރުގެ އަސަރު މިއަދު ކަރުބުޑުގަ ވ.ރީތިކޮށް ލައްވާލައިފިއެވެ..ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ...އަބޫޝަމަސް..މަގޭ ގައުމެއްވާ ނެތް..