ކޮވިޑް-19 އެންމެ ހަލުވިކޮށް ފެތުރެމުން އަންނަ ގައުމުތައް ހިމަނައިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ހަދާފައި އޮތް އޮންނަ ރަތް ލިސްޓުން ދިވެހިރާއްޖެ އާއި ސްރީލަންކާ އުނިކޮށްފިއެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން މިނެގީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެމަސް ދުވަހު ވެސް ދަށަށް ދިއުމުން ވެސް ރަތް ލިސްޓުން އުނިނުކުރުމުން އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ރާއްޖެ ފާއިތުވި ދެމަސް ދުވަހު ލިސްޓުން އުނިނުކޮށް އޮތީ ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރަށް ފޮނުވަން ޖެހޭ ބައެއް ރަސްމީ މައުލޫމާތުތައް ނުފޮނުވައި އޮތުމުންނެވެ.

ރާއްޖޭގެ އިތުރުން ޕާކިސްތާން، ތުރުކީވިލާތް، އޮމާން، ބަންގްލަދޭޝް އަދި ކެންޔާ ވެސް މިރޭ ވަނީ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން އުނިކޮށްފައެވެ.

ރަތް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރަތް ލިސްޓުގައި އޮތުމުން މިހާތަނަށް ރާއްޖެ އިން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ދެހަފްތާ ދުވަސް ވަންދެން ކަރަންޓީން ވާން ޖެހެއެވެ. ކަރަންޓީން ވާން ޖެހެނީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ ހޮޓަލެއްގައެވެ. ނަމަވެސް ހޮޓަލަށް ފައިސާ ދައްކަން ޖެހެނީ ދަތުރުކުރާ މީހުންނެވެ. އެހެންވެ އިނގިރޭސިވިލާތުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ސަބަބަކީ ރާއްޖެ އައުމަށްފަހު އެނބުރި ގައުމަށް ގޮސް ބޮޑު ހަރަދެއް ކޮށްގެން ކަރަންޓީން ވާން ޖެހޭތީއެވެ.

މިރޭ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން އުނިކުރި ގައުމުތަކުން ދަތުރުކުރާ މީހުން ކަރަންޓީން ވާން ނުޖެހޭނީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން 04:00 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަދިސައިބު

    ލަންކާ ލޮކުޑައުންގައި އޮއްވާވެސް ރެޑުސްޓުންނެގީ މިއިންވެސް. ޢެންގެނީ އިގިރޭސިންގެ މޔނާފިގުކަން! ޟުސްލިމު ގައޔމެއްވީމާ އޭތިމީތި ކިޔައިގެން ރަތްލިސްޓުން ރާއްޖެ ނުނެގި މިހުރިހާދުވަސް ވީއިރުވެސް!