މިއަދު ރާއްޖެ އިން އިތުރު 84 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއީ ޖުލައި މަހުގެ ދެވަނަ ހަފްތާއަށް ފަހު 100 އިން ދަށުގައި ފައްސިވި މީހުންގެ އަދަދު ހުރެ ތިން ދުވަސް ފާއިތުވި ފުރަތަމަ ފަހަރެވެ.

ނަމަވެސް މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3109 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.70 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ފައްސިވި މީހުންގެ ނިސްބަތައް ބަލާއިރު ފާއިތުވި ހަތް ދުވަހު އެންމެ މަތީ އިންސައްތައެއްގެ މީހުން ކޮވިޑަށް ފައްސިވީ މިއަދު އެވެ.

މިއަދު މާލެ އިން ވެސް އަދި އަތޮޅުތެރެއިން ވެސް ފައްސިވީ 37 މީހުންނެވެ. މިއަދު ރިސޯޓްތަކުން ނުވަ މީހުން އަދި ސަފާރީއަކުން އެކަކު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2220 އަށް އަރާފައެވެ. އޭގެތެރެއިން 1252 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 740 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 228 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1686 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 170 މީހަކު މިއަދު ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 83382 އަށް އަރައެވެ. އޭގެތެރެއިން 81404 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން 229 މީހަކު ރާއްޖެ އިން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ޓެސްޓް ނުކުރިނަމަ އެކަކުވެސް ޕޮޒިޓިވް ނުވީސް.