އައްޑޫސިޓީ ހިތަދޫ ފްލެޓްތައް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާގެ ބޮލަށާއި ގައިގެ އެހެން ތަންތަނަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ. އޭނާ މިހާރު ހޭއަރާފައި ވީނަމަވެސް އަދިވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މިރޭގެ ވަގުތެއްގައި އޭނާ މާލެ ގެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މާރާމާރީ ހިންގި ވަގުތު އޭނާ ކައިރީ ހުރި ޒުވާނަކު ވަނީ އަނބުރައިގަނެގެން ވެސް ވެއްޓިފައެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އެހަމަލާއާއި ގުޅިގެން ޒަހަމް ވެފައިވަނީ 29 އަހަރު ފިރިހެނެއް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ޒުވާނާގެ ގަޔަށް ވަޅި ޖަހާފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދަނިކޮށެވެ. "ފްލެޓަށް ވަންނަން ދިޔަ ވަގުތު ކަމަށް ބޮޑަށް ބެލެވެނީ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނީ. ކަރަށާއި ބޮލަށް ވަޅި ޖެހި." މައުލޫމާތު ދިން މީހާ ބުންޏެވެ.

ފްލެޓް ސަރަހައްދުގައި މި މާރާމާރީ ހިނގާފައިވާއިރު، އޭނާ ދިރިއުޅެމުން އަންނަ ފްލެޓްގެ ދޮރުމަތި ހިމެނޭހެން ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުއްޓެވެ.

މި މާރާމާރީގެ މައުލޫމާތު އެނގޭ އިތުރު މީހަކު "ވަގުތު" އަށް ބުނީ، ޒުވާނާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ގްރޫޕަކުން ނޫން ކަމަށާއި އެންމެ މީހަކު ވެގެން ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.