ކޮންމެ އަހަރު ވެސް އޭލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދާ އެއް ދަރިވަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހަރަދުގައި ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަތިން ވަނަތައް ހޯދާ އެއް ދަރިވަރަކަށް އެމްޕީއެލްގެ ހަރަދުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދޭނެ ކަން އިއުލާން ކުރެއްވީ ރޭ ކުރިއަށްދިޔަ އެ ކުންފުނީގެ 35 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝާހިދު އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، މުސްތަގުބަލުގައި މާލޭ ކޮމާޝަލް ހާބަރު ނުވަތަ އާ ޕޯޓަކީ އެންމެ ޕްރޮފެޝަނަލް އެންމެ ހަރުދަނާކޮށް ހިންގޭ އެއް ކުންފުންޏެއް ކަމަށް ހަދަން ޖެހޭ ކަމަށެވެ.

އެކަން ހާސިލު ކުރުމަށް މުވައްޒަފުން ބިނާ ކުރުން ކަމަށާއި އެހެން ކަމުން އެކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ޕޯޓް ޓްރެއިނިން ސެންޓަރުން ހިންގަމުންދާ އިން ހައުސް ޓްރެއިނިން އަދި އެކްސްޓާނަލް ޓްރެއިނިންނާއި ގިނަ މުވައްޒަފުންތަކަކަށް މަސައްކަތާއި ގުޅުން ހުރި އެތައް ޓްރެއިނިން ތަކެއް ދެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ޓިވެޓް އޮތޯރިޓީ އާއި ގުޅިގެން ހިންގޭ އެޕްރެންޓިސް ޝިޕް ޕްރޮގްރާމަކީ އެކުންފުނިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ކޯޕަރޭޓް ސްކޯލަޝިޕްގެ ފަރާތުން ހަ ފަރާތަކަށް ރާއްޖޭން ބޭރުގައި ތަމްރީން ކުރުމަށް ފަހިކޮށްދީފައި ކަމަށެވެ.

"ކޮންމެ އަހަރު އޭލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދާ އެއް ދަރިވަރަކަށް އެމްޕީއެލްގެ ހަރަދުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައި" ޝަހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާތިކާ

    ކޮން ދާރިރާއަކުންތޯ ތިޔަ ސްކޮލް އޮންނާނީ ...

  2. މުސަޅޭ

    ތިތަނަކީ އޮފް ދުވަހެއް ނުދީ މަސައްކަތް ކުރުވާ ތަނެއް މިރާއްޖޭގަ މަސައްކަތް ކުރާ ބަންގާޅީންނައްވެސް ހަފުތާ އަކު އެއްދުވަސް އޮފުލިބޭ !! ވަޒީފާގެ ގާނޫނުގަ މަޖުބޫރު ވާނެ ހަފުތާއަކު އެއްދުވަސް އޮފް ލިބެން. މުވައްޒަފުންގެ ހައްގުތަކަށް އަރާގަނެފަވާ ތަނެއް. ނިކަމެތިންގެ ހައްގުގަ މި ވާހަކަ ދައްކާނެ މީހަކު ނެތް..