ވެމްކޯގެ ކުނި އުފުލާ ލޮރީތަކުން ކޮށްދީފައިވާ ދަތުރުތަކަށް މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ދައްކަން ބަޖެޓަށް އެދިފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން، ވެމްކޯއިން ކުނި ނަގާ އުސޫލަށް ގެނައި ބަދަލުތައް މިހާރު ވަނީ އުވާލައިފައެވެ. އެހެންކަމުން ދެން ކުނި ނަގާނީ ކުރިން ވެސް ނަގަމުން އައި ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި އެޕާޓްމަންޓުތަކަށް ވެމްކޯގެ މުވައްޒަފުން ގޮސްގެންނެވެ.

އެކަމަކު އެ ގޮތަށް އަމަލު ކުރަން ފެށުމާއެކު، ބައެއް އެޕާޓްމެންޓްތަކުން ވަނީ ކުނިތައް މަގުމައްޗަށް ނެރެފައެވެ. މި ގޮތަށް ކަންކަން ނުކުރުމަށާއި ވީހާވެސް އަވަހަށް ހުރިހާ ގެތަކުން ރަޖިސްޓްރީ ވުމަށް ވެމްކޯއިން އެދިފައިވެއެވެ.

އެޕާޓްމަންޓުތަކުން މަގުމައްޗަށް ކުނި ނެރުމާއެކު، އެންމެ ފަހުން މާލެ ސިޓީ ކައުންސިލުން މުވައްޒަފުން ނެރެ ކުނިތައް ނަގަން ފެށިއެވެ. އަދި އެ ގޮތަށް ކުނި ނަގައިގެން ގެންގޮސް ވެމްކޯ ދޮރު މައްޗަށް ކުނިތައް އުކާލުމާއެކު މައްސަލަ އިތުރަށް ހޫނުވެގެން ދިޔައެވެ. އަދި ވެމްކޯއިން ވަނީ ސިޓީ ކައުންސިލުން ދޭން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަން ހަނދާންކޮށްދީފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފައިސާއަކީ މިހާރު އޮތް ކައުންސިލް ހުވާ ކުރުމުގެ ކުރިން ވެސް ވެމްކޯއަށް މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހި، ނުދައްކާ އޮތް ފައިސާއެއް ކަމަށެވެ.

"ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާއަކީ އަޅުގަނޑުމެން ކައުންސިލާއި 17 މެއި 2021 ގައި ޙަވާލުވިއިރުވެސް ދައްކަންޖެހިފައިވާ ފައިސާއެއް. އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށްވާނީ އެދިފައި." މުއިއްޒު ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާބެ

  އަނގަ ހުރީމަ އެއްޗެކޭ ކިޔަނޫއެ.

 2. ލލ

  ރައްޔިތުން ޓެކުސް ދައްކަނީ މިފަދަ އަސާސީ ކަންކަން ކުރަން، ޓެކުސް ފައިސާ ދެއްކުމުގެ ބޭނުމެއް އެބައޮއްތޯ ؟ މުޅި މާލޭގެ ގޭ ދޮރުމަތީގައި ކުނި ކޮތަޅު ބަހައްޓައިގެން ކެޕިޓަލް ސިޓީގެ ހައިބަތު ގެއްލެނީ ނުންތޯ މެހުމާނުންގެ ކުރިމަތީގައި ! ބަލަ ކެޕިޓަލް ސިޓީ ސާފުކޮށް ނަލަކޮށް އޮންނަންޖެހޭ ތަނެއްނުންތޯ ؟

 3. ނޫރު

  ކައުންސިލަށް ސަރުކާރުން ފައިސާ ދީފަ ނުދައްކާ ހުރިނަމަ އެއީ ކައުންސިލަ އެކަމާ ޖާމިންވާން ޖެހޭކަމެއް. އަނެއްކާ ވެމްކޯއަކީ ވިލާ ކުންފުނީގެ ބުރާންޗެއްނޫން އެއީ ދިވެހި ރައްޔިތުންގެ 100% ހިއްސާވާ ކުނި ނަގަން އުފައްދާފައިވާ ދިވެހި ރައްޔިތުންގެ ފައިސާ. މާލޭގެ ކުނި ނުނަގަ ފައިސަ ކޮބާހޭ ބުނެ ވެމްކޯއިން ދެއްކީ ލަނދުވެތި ވާހަކައެއް.

 4. ގޭސްދޮންބެ

  މުއިއްޒޫ.. ކޮބާ ކުރިންދިން ބަޖެޓު މިހާއަވަހަށް ބަނޑުއަޅާލީދޯ. މިމީހުންނަށް ފައިސާ ފޮއްޗެއް ފެންނައިރަށް މިވާގޮތެއްދޯ! ހަރާމެއް ހަލާލެއް ބެލުމެއްނޯވެ.

  • ޛޖޖ

   ބްރޯ މުއިއްޒު އަށް ދިން ބަޖެޓެއް ނޯންނާނެ. ބަޖެޓަކީ ފޮތެއްގަ ލިޔެފަ އޮންނަ އަކުރުތަކެއް. ދައުލަތުގެ ހުރިހާ ފައިސާޔެއް ކަނީ ކޮންބަޔެއްކަން އިންޝަﷲ ވަރަށް އަވަހަށް ފަޅާއަރާނެ. މިޙަރުވެސް ދެލޯ ސަލާމަތުން ހުރި ކަންފަތް ބީރުނޫން ބުއްދި ހަމަ މީހުނަށް އެނގޭނެ ކަނީ ކޮންބަޔެއްކަން.

 5. ނިކް

  އެދޭހާ ފަހަރަކު ހިތުހުރި މިންވަރަށް ފައިސާދޭ ގޮތަކަށް ނޫން އޮންނާނި، ކޮންމެ އަހަރުވެސް ކޮންމެ ކައުންސިލަކަށްވެސް ބަޖެޓެއް ދީފަ އޮންނާނެ. މާލެ ސިޓީ ކައުންސިލަށް ދީފަ އޮންނާނެ ބޮޑު ބަޖެޓެއް އެހެން ކައުންސިލުތަކަށް ގާތްވެސް ނުވާވަރުގެ. އޭގެން މެނޭޖުކުރަންޖެހޭނި އެކަން ކުރަން ނޭނގުމަކީ ތިމާމެން ފެއިލްވެފަ ތިބި މިމްވަރު ދައްކައިދޭކަމެއް..