ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަަހައްޓަން ޚާއްސަކޮށްފައި އޮންނަ "ފިޔަވަތި" ގައި ތިބި ކުދިންތަކެއް އެ ތަނުގައި ރޯކޮށް ބައެއް ކުދިން އެ ތަނުގެ ފުރާޅު މައްޗަށް އަރައި ތަނުގެ ކޮންޓްރޯލް ރޭ ގެއްލުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ބަލަން ފަށައިފިއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އަދި ފުރާޅުމައްޗާއި ދޮރު ފަދަ ތަންތަނުގައި ތަޅައި އަޑު ވެސް ބޭރަށް އިވެއެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވެއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ.

ކުޑަކުދިންތަކެއް ރޭ ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފައެވެ. އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. މިކަމާ ގުޅިގެން ރޭގައި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބެލެހެއްޓިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް "ވަގުތު" އަށް ވިދާޅުވީ ރޭގެ ހާދިސާ ހިނގަން ފެށުމާއެކު އެ ކަމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ކޮމިޓީން ފަރާވެރިވާން ފަށާފައިވާ ކަމަށެވެ.

"ރެއިން ފެށިގެން އަޅުގަނޑުމެން މި ދަނީ މޮނިޓާ ކުރަމުން، އެ ސަރަހައްދަށް އިއްޔެ ޒިޔާރަތް ކުރި އެޗްއާރުސީއެމްގެ ޓީމްގެ ފަރާތުން މައުލޫމާތު ހޯދަމުން މި ދަނީ،" މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އެ ކަމުގެ މައްޗަށް ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ދިނުމަށް ލިޔުމުން ފޮނުވާފައިވާނެ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕާސަން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ މި ހަފުތާ ނިމުމުގެ ކުރިން މި އިދާރާތަކާއި މުއައްސަސާތަކާ އެކު އިށީނދެ މަޝްވަރާ ކުރެވޭނެ ކަމަށް،" ޖީހާން ވިދާޅުވިއެވެ.

ފިޔަވަތީގައި ތިބޭ ކުދިން ފިލައިގެންދާ މައްސަލައިގައި ޖެންޑާ މިނިސްޓްރީއަށާއި އިދާރާތަކަށާއި ސަރުކާރަށް އާންމުންގެ ފާޑުކިއުން ވެސް އިންތިހާއަށް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އާދަމުގެދަރި

  ވަކަރުގޭ ކުދިންނަށް އަނިޔާވެރިވެފައިވޭތޯ ބެލުމަށް ވަކަރުގޭ ކުދިން ތިބި ތަނަކަށް ހާޒިރުކުރާނެ. ސުރުޚީ ރަނގަޅުކޮށްލަދެއްވާ!

 2. ހުސޭނުބޭ

  ރޯޔަލް ފެމިލީ....... ވަރަށް ބާރުގަދަވާނެ
  ރޭޕް ކޭސް އޮއްބާލަން އެކަނި ބާރުގަދައީ
  ބަޔަކުންނަށް އިންސާފު ހޯދާދިނުން އެއީ ރޭޕްކޭސް ހިންގާ މީހުންނަށް ވާނެކަމެއްނޫން!

 3. ހަވާސާ ހަމީދު

  މަޖިލީހަށް ހާޒިރުކޮށްކޮށް ތިބެންޖެހޭނީ ތިޔަ ޖެންޑަމިނިސްޓްރީއެއް ދެނެއް ރަގަޅެއް ނުކުރެވޭނޭ! މިހާރުން މިހާރަށް ލޯކަލް ގަވެމެންޓުގެ ގާނޫގައިބުނާ ސޯސަލްސެކުޓަރގެ މަސައްަތްތަށް ޖެންޑަމިނިސްޓްރީންނަގައި އޮތޮޅު/ސިޓީ ކައުންސިލްތަކާއި ހަވާކުރަންވީ އޭރުން ރަގަޅުވާނީ! މިނިސްޓްރީގެ ނަމާއި ސައިޒު ކުޑަކޮށްލަންވީ! ނޫނީ މިނިސްޓްރީ އުވާލަންވީ!

 4. ނާޅި

  ތިޔަ މަޖިލިހަކަށް ގެންގޮސް ޑުރާމާ ކުޅެގެން މިޤައުމުގައި ހައްލުވީ ކޮންކަމެއްތޯ ؟ ތިތާވެސް ތިބީ މުޅިންވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ! އަބަދު ގޮޅީގައި ސޭލް އަޅުވައިގެން ނީލަން ކިޔާއިގެން އުޅޭބަޔެއް !