ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަަހައްޓަން ޚާއްސަކޮށްފައި އޮންނަ "ފިޔަވަތި" ގެ ހާލަތުން ފެންނަނީ ދައުލަތް ފެއިލްވެފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ބައެއް ކުދިން "ނުކިޔަމަންތެރިކަން" ދައްކައި އެތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަކޮށް ހަދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ ކުދިންގެ ފަރާތުން އެނގުނު ގޮތުގައި އެތަނުގެ މުވައްޒަފުން ކުދިންނަށް އަނިޔާ ކުރަނީއެވެ. އެކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ މައްސަލަ ބެލުމުގެ މަސައްކަތް އެޗްއާރުސީއެމް އިން ވެސް ވަނީ ފަށައިފައެވެ.

ކުޑަކުދިންތަކެއް ރޭ ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފައެވެ. އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. މިކަމާ ގުޅިގެން ރޭގައި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބެލެހެއްޓިއެވެ.

މީގެ ކުރިންވެސް ފިޔަވަތީގައި ތިބި ކުދިންތަކެއް ރޯ އަޑަށް އެ ސަރަހައްދަށް އާންމުން އެއްވެފައިވެއެވެ. އެތަނުގައި ތިބި ކުދިންނަށް އެތަނުގެ މުވައްޒަފުން އަނިޔާކުރާ ކަމަށް އާންމުން ތުހުމަތުކުރި ނަމަވެސް ޖެންޑާ މިނިސްޓްރީންވަނީ އެ ހުރިހާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޝިޔާމު ވިދާޅުވީ މިއީ މިހާރަކަށް އައިސް ފިޔަވަތީގެ ކޮންމެ ދުވަހެއްގެ ހާލަތު ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގައި ތިބި ކުދިންގެ މުސްތަގުބަލު ކުރަހަމުންދާ ގޮތާމެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

ފިޔަވަތީގެ ހާލަތަށް އިޝާރާތްކުރައްވައި ޝިޔާމު ވިދާޅުވެފައިވަނީ ދައުލަތެއް ފެއިލްވާނީ މިހާވަރަށް ކަމަށެވެ.

ފިޔަވަތީގައި ތިބި ބައެއް ކުދިން އެ ތަނުގައި ރޯކޮށް އެ ތަނުގެ ފުރާޅު މައްޗަށް އަރައި ތަނުގެ ކޮންޓްރޯލް ރޭ ގެއްލުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ވަނީ ބަލަން ފަށައިފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް "ވަގުތު" އަށް ވިދާޅުވީ ރޭގެ ހާދިސާ ހިނގަން ފެށުމާއެކު އެ ކަމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ކޮމިޓީން ފަރާވެރިވާން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާފު

    ޖެންޑާ މިނިސްޓަރީއަކީ ކުޑަކުދިންނަށް ބިރުދައްކައި ކުޑަކުދިންނަށް ނުބައި ކަންތައް ދަސްކޮށްދޭ ވަކަރުގެއަކަށް ވެއްޖެ ނޫންތޯ.

  2. ގާދިރު

    މީނަ މި ފަހަކަށް އައިސް ކުރާކޮމެންޓް ތަކުން މި އިނގިގެންދަނީ ވެރިކަމާހެދި ފެންބޮވައިގަނެ މީނަ ފެއިލް ވެފަ ހުންނަކަން