އިޓަލީގައި ދިވެއްސަކު މަރާލަފައިވާ މައްސަލަ ފޮރިން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މަރާލާފައި ވަނީ އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ.

އޭނާ އަކީ އިޓަލީވިލާތުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގައެވެ.

ނޮޅިވަރަމްފަރުގެ ކައުންސިލްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މީހަކު އިޓަލީވިލާތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވެމުންދާ ކަމަށެވެ.

"ރަސްމީ ސިފައެއްގައި އެމައުލޫމާތު ލިބިފައެއް ނެތް. ނަމަވެސް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ." އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަހްމޫދު އިމާދު މަރާލުމަށްފަހު ދަންޖައްސާފައި ހުރިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "ވަގުތު"އަށް ވިދާޅުވީ އެ މީހާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ. އަދި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.