ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި ރޯކޮށްލާ، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅުނު ބައެއް ކުދިންގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ފިޔަވަތީގައި އަޑުގަދަވުން ފަދަ ކަންކަން ހިނގުން އާއްމުވެ އެކަން އާއްމުންގެ ސަމާލުކަން އައިސްފައި ވަނިކޮށް އެތަނުގެ ބައެއް ކުދިން ވަނީ ރޭގެ ވަގުތެއްގައި ފިޔަވަތީގައި ރޯކޮށްލާފައެވެ. އެހެންނަމަވެސް ފިޔަވަތީގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފައެވެ. އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓް ކޮށްފައި ވާތީ، އަލިފާން ނިއްވާ ލޮރީވެސް ވެސް އެތަނަށް ދިޔައެވެ. މި މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިން ވަނީ އެ އަމަލު ހިންގި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެޗްއާރުސީއެމްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ ރޭ ހިނގައި ދިޔަ ހާދިސާ އާއި އެތަނުގެ ހާލަތާއި މެދު ގޮތެއް ނިންމޭނީ އެ ކުދިންނާއި ވެސް ވާހަކަދެކެވި ބަލަން ޖެހޭ ކަންކަން ބަލާ ނިމުމުން ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެޗްއާރުސީއެމް އިން ފިޔަވަތި އަށް ޒިޔާރަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމެއް އެތަނަށް ގޮސް އެތަނުގެ ހާލަތު ބަލާލަން މިއަދު ދާނެ. އަޅުގަނޑު ޖެންޑަރ އަށް ވެސް ގުޅާލިން. އަދިވެސް ބައެއް ކުދިން އަންޑަރ ކޮންޓްރޯލް އެއް ނޫން އެއްކޮށެއް. އެ ކުދިންގެ ހާލަތު ރަނގަޅު ނުވަނީސް އެންމެ ރަނގަޅެއް ނޫން އެކުދިންނާއި މުއާމަލާތު ކުރަން. އެ ކުދިން އަދިވެސް ކުޑަކޮށް ހައިޕަރ ވެފައި 7 ކުއްޖަކު އެބަ އުޅޭ ކަމަށް މައުލޫމާތު ލިބެނީ." އޭނާ ވިދާޅުވިއެވެ.

މިފަދަ ނާޒުކު ހާލަތެއްގައި އެ ކުދިންނާއި އެޗްއާރުސީއެމް އިން ވާހަކަދެއްކުން އެންމެ ރަނގަޅު ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖެންޑަރ އާއިކަމާއި ބެހޭ އެހެން ފަރާތްތަކުން މަސައްކަތް ކުރައްވަމުންދާ ކަމަށް އެޗްއާރުސީއެމް އިން ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ ޓީމުން މިއަދު އެތަނަށް ޒިޔާރަތްކޮށް ފިޔަވަތި އެއީ ކުދިންނަށް ރައްކާތެރިތަނެއްތޯ ބަލާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ފިޔަވަތި އަކީ 13 އަހަރުން ދަށުގެ ކުދިން ބައިތިއްބަން ޖެހޭ ތަނަކަށް ވާއިރު އެ އުމުރު ފުރާ އަށް ވުރެ ބޮޑު ކުދިން ތިބިކަން ކުރިން ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އެ ވާހަކަދެކެވިފައިވާ ކަމަށް އެޗްއާރުސީއެމް އިން ވިދާޅުވިއެވެ.

އެޗްއާރުސީއެމް އިން ވަނީ އެކި ފަހަރު މަތިން ފިޔަވައްޗަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލާފައެވެ. އެގޮތުން އެންމެ ފަހުން ޒިޔާރަތް ކުރީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން އެޗްއާރުސީއެމް އަށް ޒިޔާރަތް ކުރި ތާރީހުތަކަށް ބަލާއިރު 12 މޭއި 2016، 8 އޮކްޓޯބަރ 2017 އަދި ޑިސެމްބަރު 2019ގައި އެ ތަނަށް ކޮމިޝަނުން ޒިޔާރަތް ކުރިއެވެ. އަދި 8 އޮކްޓޯބަރ 2020ގައި ބީޗް ޕެލެސް ކިޔާތަނަކަށް ކުދިން ބަދަލު ކުރުމުން އެތަން ވެސް އެޗްއާރުސީއެމް އިން ވަނީ ބަލާފައެވެ. އަދި އެ ޒިޔާރަތްތަކުގައި ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ލަފާ އެޗްއާރުސީއެމް އިން ކަމާއި ބެހޭ ފަރާތްތަކަށް ދީފައި ކަން ފާހަގަކޮށްލެވެއެވެ.

ރޭ ހިނގި ކަންކަމާއި ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅުނެވެ. އަދި އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަދި ވޭދުވެދިޔަ ތިން ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއު ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.