ރާއްޖޭގެ އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީގައި މާރާމާރީތައް ހިނގާ މިންވަރު ގިނަވާތީވެ ފުލުހުން އިތުރުކޮށްދޭން ސަރުކާރުގައި އެދެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

އައްޑޫގެ އެންމެ ބޮޑު ރަށް ހިތަދޫގައި، އިއްޔެ އެކަނިވެސް ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ވަނީ ޒަހަމް ކޮށްލާފައެވެ. އޭގެ ތެރެއިން އުމުރުން 29 އަހަރުގެ ޒުވާނަކު ޒަހަމް ކޮށްލާފައިވަނީ އިއްޔެ މެންދުރު އައްޑޫ ފްލެޓް ސަރަހައްދުގައެވެ. އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އައިސީޔޫގައެވެ. ރޭ ހަމާލާ ދިީފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ. މިއިން އެއްވެސް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިިވާ ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު "ވަގުތު"އަށް ވިދާޅުވީ، އެ މާރާމާރީތަކަކީ ހިތަދޫ ދެ ގޭންގެއްގެ މެދުގައި ހިނގާ، ދުވަސްތަކެއް ވެފައިވާ މާރާމާރީއެއް ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި އިއްޔެ ހިނގި މާރާމާރީއާ އެކު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އެ ދެ ގޭންގު ދެމެދުގައި ހަމަނުޖެހުން އުފެދި ހަމަލާތައް ދީފައިވާ ކަމަށެވެ.

މިއީ އިޖުތިމާއި ބޮޑު މައްސަލައަކަށްވާއިރު ކައުންސިލުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދު ހެނދުނު ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ނިޒާރު ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާރާމާރީ ހިނގާ ސަރަހައްދުތަކުގައި ފުލުހުން ބެލެހެއްޓުމަށާއި، އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކޮށް ދިނުމަށް އަދި ފުލުހުންނަށް ބޭނުންވާ ރިސޯސް އިިތުރުކުރަންވެސް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އެ ހުށަހެޅުންތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވީ އައްޑޫ މާރާމާރީތަކަށް ހައްލު ނުގެނެވިގެން އުޅެނީ ގައުމީ ފެންވަރުގެ ސިޔާސަތުތައް ރަނގަޅަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އެއީ އެއްވެސް ސަރުކާރުގެ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، އުޅެނީ ސިޔާސަތުގެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާލުފޮޅި

    މާ ގޭންގު ވެގަނެގެން… ހުރިހާ އެންމެން ގެނެސް ހަލަށް އަޅާލަބަލަ ގޭންގް ވެވޭތޯ..

  2. ބަބޫ

    ފުލުހުން ގެންގޮސް ފުލުހަކު އެމީހުން ގައިގަ އަތްލިޔަސް ކަލޭމެން ހީވާނީ އެހެންފަދަ ކަމެއްހެން. މުޒަހަރާވެސް ކުރާނެ. ކަލޭމެނަށް ހެޔޮ އެއްގިތެއްވެސް ނޯންނާނެ.

  3. ސުހާ

    މާރާމާރީ ހިންގުމުގެކުރިން ކައުންސިލައް މާރާމާރީ ހިންގާނެވާހަކައަދި ހިންގާނެތަނެއް އެންގަންވާނެ. ފުލުހުންގިނަވާވަރަކަށް ތިކަންތަށްވާނީއިތުރު އެމީހުންގެވެސްއެދުންތަކެއްވާނެ އެވެސްފުރިހަމަވާނެގޮތެއްހަމަޖެހެންޖެހޭ.މީވަރަށްގިނަވާހަކަ.

  4. ސުންގަޑި

    ސަރުކާރު ފޭލިވެއްޖެ މާގިނަދުވަހަކު ދެމިނޯންނާނެ ވެރިކަންކުރަންނޭނގޭ މީހަކަށް ރޯންވެސްނޭނގޭނެ.

  5. ފަރީދު

    ގޭންގޭ ކިޔާފަ އެއުޅެނީ މަކަރުވެރި ރޭވުމެއް.
    އެއީ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ފުލުންގެމީހާގެ ކުށެއް ނެއްކަމަށް ދައްކާ ރައްޔިތުންގެ ލޯތަކުގައި އަނދުން އަޅުވައި އަދި މިކަމާ އިހްތިޖާޒްކުރާ ފަރާތްތަކަށް އަނިޔާވެރިވުމަށް

  6. ޙހހހ

    ގޭންގޭ ، ބަލަ މިޤައުމުގައި އެފަދަ ބަަޔަކު އުޅޭނަމަ ފިޔަވަޅު އެޅެންޖެ ހޭ ، ގޭންގް ހަދައިގެން އުޅުން ކުށަކަށް ހަދަންޖެ ހޭ ، ހމައެކަނި ކޮވެޑްވީމަ 5 މީ ހުންނަށްވުރެ ގިނައިން ގުރޫޕް ހަދައިގެން އުޅުން މަނާކުރިޔަސް ނުވާނެ

  7. Obama

    ކަލޭމެންގެ ޑިމޮކްރަސީގައި އިންނާނީ ކުއްވެރިންގެ ހައްގު. ކުރިމިނަލް މައިންޑްގެ މަޖިލިސް މެންބަރުން ގައުމުގެ ރައްޔިތުން މަދު ފައިސާ ކޮޅަކަށް ވޯޓް ވިއްކާގެން ހޮވީމާ ދެން ވާގޮތް ތިފެންނަނީ. ކުއްވެރިން ނަޓް އެޅުވޭ އެއްވެސް ބާރެއް ހުރި ގާނޫނެއް ނެތް އޮތީ ހުސް ހައްގުތައް ލިބޭގޮތަށް ގާނުން ފާސްކޮއްފައި. މާރާމާރީ އާއި މަސްތުވާތަކެތި ވިއްކާގެން ލިބޭ ފައިދާ ވަންނަނީ ސިޔާސީ މީހުންގެ ޖީބައް. ނިކަމެތި ރައްޔިތުން ހަނާ ވަނީ. މިގައުމު މެކްސިކޯ އަށް ނުވަނީސް ވިސްނާލަން ވެއްޖެ.