އައްޑޫސިޓީގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވުނު ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖަކާއި ބެހުނު ކަމަށް ބުނާ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވަނީ ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނަޒުމީން (ސ.ނަންބަރު 3488) އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާއި ބެހޭ ގަވައިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކޮށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާއަށް ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުސް މީހާ އަކީ އަންހެން ކުއްޖާގެ ރަށު މީހެއް ނޫނެވެ. ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުމާއިއެކު އޭނާ ރޭ ވަނީ ގެއިން ނިކުމެގެން ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފެންމަތިވި ފަހުން ވެސް އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެންމެ ފަހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެކަމާއި ދެކޮޅަށް އައްޑޫގެ ގިނަ ބަޔަކު މުޒާހަރާކޮށް އޭނާ ދިރިއުޅޭ ގެ ކައިރިއަށް އެއްވުމާއި ގުޅިގެންނެވެ.