އިޓަލީގައި ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ކަމަށް ވާހަަކަދެކެވެމުންދާ މަހްމޫދް އިމާދުގެ މަރަކީ އަނިޔާވެރި މަރެއް ކަމަށް މައުލޫމާތު ނުލިބޭ ކަމަށް އާއިލާއިން ބުނެފިއެެވެ.

އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދު މަރާލާފައިވާ ކަމަށް އެރަށު ތެރޭގައިވެސް ވަނީ އަޑުފެތުރިފައެވެ. އަދި އެކަން މިހާރު ފޮރިން މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ.

އޭނާ އަކީ އިޓަލީވިލާތުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގައެވެ.

ނޮޅިވަރަމްފަރުގެ ކައުންސިލްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މީހަކު އިޓަލީވިލާތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވެމުންދާ ކަމަށެވެ.

"ރަސްމީ ސިފައެއްގައި އެމައުލޫމާތު ލިބިފައެއް ނެތް. ނަމަވެސް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ." އޮފިޝަލް ވިދާޅުވިއެވެ.

އެގޮތަށް ވާހަަކަދެެކެވެމުންދާތީ އޭނާގެ ބޭބެ އަހުމަދު ހަނީފް މިއަދު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮއްކޮ މަހްމޫދްގެ މަރާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ރިޕޯޓްކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އާއިލާއަށާއި، ހާއްސަކޮށް މަންމަައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

"ކޮއްކޮގެ މަރާއި ގުޅޭގޮތުން އަޅުގަނޑުމެން އެއްޗެސް ގޮތަކަށް އެއްވެސް ބަޔަކަށް، ފަރާތަކަށް އެއްވެސް ކަހަލަ ޝައްކެއް މިހާތަނަށް ނުކުން. އަނިޔާވެރިކޮށް އެއްވެސް ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވޭ".

އޭނާ ބުނެފައި ވަނީ، ފޮރިން މިނިސްޓްރީން އެކަން އާއިލާއަށް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިމާދުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަަމަށްވެސް ބުނެފައި ވެއެވެ.

"ވީމާ މިވަގުތު އަޅުގަނޑުގެ އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބޭ ގޮތަށް ރިޕޯޓް ނުކުރުމަކީ ވަރަށް ބޮޑު އެދުމެއް. ރަސްމީ އިދާރާތަކުން މައުލޫމާތު ލިބިމާއެކު އާއިލާގެ ފަރާތުން މައުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަން". އޭނާ ފޭސްބުކްގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ޥާހަކަ ވިހާނެ އާއިލާއަށް ނޭގޭކަންތަށް ޖޯލިނިއުސްގަ ހުންނާނެ

  2. ނަބީ

    މީޑިޔާއަކީ ފިތުނައެކޭ ބުނަނީ މިހެންވެގެން. އިއްޔެގެ ޚަބަރުގާ އޮތީ ބަޔަކު މީހުން އަނިޔާދީގެން ރަހުމުކުޑަކޮށް މަރާލިކަމަށް. މިއަދުގެ ޚަބަރަކީ ދަންޖެހިގެން އަމިއްލަޔަށް މަރުވި ޚަބަރު.
    އެއް މައްސަލައެއްގާ ދެގޮތަށް.
    މީޑިޔާގައި ކަން ހުރިމަގީ މިއީ ކަމަށް ވާހިނދު، ޚާއްސަކޮށް ނޫސްވެރިން އަޚްބާރު ފެތުރުމުގައި މިހާރާށް ވުރެ ބޮޑަަށް ސަމާލުވާންވެއްޖެ. ކަމުގެ ދޮގު ތެދު ބަލާ މައްސަލަ ޔަޤީން ވުމުން މެނުވީ އެއްވެސް ޚަބަރެއް ލިޔެގެން ނުވާނެ. އެމެރިކާނުން ހަދާހެން އިވޭ ކޮންމެ ޚަބަރެއް ކަމުގެ އަސްލު ނުބަލާ ދޫކޮއްލަން ވީމާ އެކަން ވާނީ ބޮޑު ފިތުނަޔަކަށް.

    5
    1