އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ އެއްބަސްވުން އެ ސްކޫލް ފަހުން ހިންގަން ހަވާލުވި އެވިޑް ކޮލެޖުން ބާތިލްކޮށްފިއެވެ.

އެ ފްލައިންގް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑު ކޮލެޖުން އޭއޭއޭގެ އަތުން އެ ސްކޫލް ގަނެ ހިންގުމާއި ހަވާލުވީއެވެ.

އެކަމަކު ތަމްރީންތަކަށް ސިވިލް އޭވިއޭޝަނުން އެވިޑް ކޮލެޖަށް ލައިސަންސް ދޫކޮށްފައެއް ނުވެއެވެ. އަދި ފްލައިން ހިންގަން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިމާރާތެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ވެސް ހަމަވެގެން އެ ސްކޫލް ހިންގަން ދަތިތަކެއް ކުރިމަތިވީއެވެ. އެހެންވެ ދެ ފަރާތުން އެއްބަސްވެގެން އެއްބަސްވުން އުވާލީއެވެ.

އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އޭއޭއޭ އާއި އެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑުން ނިންމާފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ.

އޭއޭއޭއިން ފްލައިން ސްކޫލް ހިންގުމަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ދަންކަންޖެހޭ ފައިސާ މިހާތަނަށް ހަމައަށް ދައްކަމުން ނާންނަ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ. ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ.