އިޓަލީގައި ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ކަމަށް ވާހަަކަދެކެވެމުންދާ މަހްމޫދް އިމާދުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދު މަރާލާފައިވާ ކަމަށް އެރަށު ތެރޭގައިވެސް ވަނީ އަޑުފެތުރިފައެވެ. އަދި އެކަން މިހާރު ފޮރިން މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ.

އޭނާ އަކީ އިޓަލީވިލާތުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އޭނާގެ މައިދައިތަ އަށެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން އިމާދުގެ އެއްބަނޑުއެއްބަފާ ބޭބެ، އަހުމަދު ހަނީފު ބުނީ، އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ސީދާ ގެނެވޭނީ ކޮން ދުވަހެއްގައި ކަމެއް ނޭނގޭ ކަމަށް ހަނީފް ބުންޏެވެ.

"ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން މިދަނީ އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ. ބަންދު ދެދުވަސްވީމަ އަދި އުނދަގޫ ވެގެން އުޅެނީ" ހަނީފު ބުންޏެވެ.

އިމާދުގެ މަރަކީ އެއީ އަނިޔާވެރި މަރެއް ކަމަށް ދެކެވެމުން އަންނަ ވާހަކަ އާއި ގުޅިގެން ހަނީފް ބުނީ، އިމާދުގެ މަރާއި ގުޅޭގޮތުން އެއާއިލާއިން އެއްވެސް ގޮތަކަށް އެއްވެސް ބަޔަކަށް، ފަރާތަކަށް އެއްވެސް ޝައްކެއް މިހާތަނަށް ނުކުރާ ކަމަށެވެ.

"އަނިޔާވެރިކޮށް އެއްވެސް ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވޭ" ހަނީފު ބުންޏެވެ.

އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ.