ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ގިނަ ދުވަސްތަކެއް ވަންދެން ތާއީދުކުރި، ފ. ނިލަންދޫގެ ކައުންސިލް މެންބަރު އަޙްމަދު ޝިޔާމް (ޝިޔަންޓޭ) ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ޝިޔާމް އަކީ ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ފުރަތަމަ އެމްޑީޕީއަށް ތާއިދުކޮށްގެން ހުރި ނަޝީދުގެ ވެރިކަމެއްގައި ކައުންސިލަރަކަށް ވެސް އައްޔަން ކޮށްފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް ބަޣާވާތުގެ މައްސަލައިގައި އެމްޑީޕީ މަތިން ފޫހިވެ، ޕާޓީން ވަކިވާން ނިންމި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީން ވަކިވީ، ރައްޔިތުން ނިންމި ނިންމުން ދޫކޮށް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހިސާބުން ކަމަށެވެ. އެފަހަރު އެމްޑީޕީގައި ހުރެގެން ވަކި އުފަލެއް ނުލިބޭނެ ކަމަށް ގަބޫލުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީ ދޫކުރައްވައި ޖޭޕީއާއި ގުޅިވަޑައިގަތް ސަބަބެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި އުފެދިފައި ހުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން ރާއްޖެއަށް ވެސް އަދި ރަށްފުށުގެ މީހުންނަށް ވެސް އެންމެ ރަނގަޅު އުސޫލުތަކެއް ގެންގުޅޭ ޕާޓީއަކީ ޖުމްހޫރީ ޕާޓީކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި އެޕާޓީގެ ރައީސް ގާސިމް އިބްރާހިމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގައުމު ދެކެ ލޯބިވާ މީހަކަށްވާތީ ކަމަށެވެ.

"ގިނަ ދުވަސް ވަންދެކަށް ހުރިން ޕާޓީއަކާއި ނުގުޅި. އެފަހަރު ޕީޕީއެމް ވެސް އެމްޑީޕީ ވެސް އަދާލަތުން ވެސް އައި ސޮއި ކުރުވަން. އެކަމަކު ނުކޮށް ހުރެފައި ޖޭޕީއާއި މި ގުޅިވަޑައިގަތީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ޖޭޕީއަށް ސޮއިކުރައްވައި، ފޯމު ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި ހަވާލު ކުރެއްވީ މިއަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަލީލު

    އަމިއްލައަށް މިބުނަނީ ތިމަންނަ "ގުޅިވަޑައިގަތީ" ޔޯ. އަމިއްލަ ނަފުސަށް މާތްބަހުން މުޚާޠަބުކުރާ މީހެއްދޯ.

  2. މާމީ

    ތީ ހަމަ ލާރިކޮޅެއް ދިނީ.. ފޮނިވާހަކަ ދައްކަނީ

  3. ދޮންމަރިޔަބު

    މަވެސް ސޮއިކުރީމުސް ގާސިމާ އިދެވޭނަމަ......

  4. އާދަމް

    ދުވާލު އެއް ޕާޓީގައި ހުންނަ މީހާ އިރުއޮއްސޭއިރު ހުޅަނގު ފަރާތުން އެ ދައްކާ ކުލަތަކާއި އެކު އަނެއް ކުލަޔަށް. އިރުއޮއްސޭއިރު ރަންރީނދޫ ކުލައިގައި ހުންނަ މީހާ ފަތިހުގެ އިރުމަތި ފަރާތު އުދަރެހުން އެ ދައްކާ ކުލަތަކާއި އެކު އަނެއް ކުލަޔަށް ތަބާވަނީ. ދެ އިރަށް ދެ މޫނު. މިކަމާ ކައިރިކުރާ ޙަދީސް ބަސްފުޅެއް އަޑުއެހިން. އެކަމާ ގުޅުން ހުރި ވާހަކަ ދެއްކުމަކީ އަޅުގަނޑުގެ ދާއިރާ ނޫންކަމުން ތަފްސީލު ހޯއްދެވުން ކިޔުންތެރިންނަށް ދޫކޮއްލަން. ވައްސަލާމް......

  5. ސސ

    ސޭލް އަޅުވައިގެން ނީނަން ކިޔާ ގޮޅިތަށްވެސް މާރުކޭޓުން ލިބޭނެ !