އައްޑޫސިޓީގައި އިއުލާނު ކޮށްފައިވާ ކާފިއު މުއްދަތު އިތުރު އެއް ހަފްތާއަކަށް ދަންމާލައިފިއެވެ.

އައްޑޫގައި ކާފިއު އިއުލާނު ކޮށްފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ވެފައިވަނިކޮށް އަނެއްކާވެސް މިބައްޔަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފެށުމާއި ގުޅިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގައި ބަލީގެ ހާލަތު އޮތް ގޮތުން ކާފިއުގެ މުއްދަތު އިތުރު އެއް ހަފްތާއަކަށް ދަންމާލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. އެ ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

މިމުއްދަތުގައި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުމަކީ މަނާ ކަމަކެވެ. އެހެން ނަމަވެސް ހުއްދައިގެ ދަށުން ރޭގަނޑޫ 12:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އައްޑޫގައި ކާފިއު މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް އެސިޓީގެ ސްކޫލްތަކުގެ ކިޔެވުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.