ކޮވިޑް-19 ކޮންޓްރޯލް ކުރަން މެއި މަހު އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރުމުގެ ސަބަބުން ޖުލައި މަހު ދެދުވަސް ފިޔަވައި އިތުރު ހުރިހާ ދުވަހަކު ވެސް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް ހުރީ %1 ނުވަތަ %2 ގައެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަސް ފިޔަވައި އޮގަސްޓް މަހުގެ ހުރިހާ ދުވަހަކު ވެސް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް ހުރީ %1 ނުވަތަ %2 ގައެވެ. ނަމަވެސް ސެޕްޓެމްބަރ މަސް ފެށުނު ފަހުން ފައްސިވާ މީހުންގެ ނިސްބަތް މައްޗަށް ދިޔައެވެ.

ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ހަތް ދުވަހުގެ ތެރެއިން ހަތަރު ދުވަހު ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް ހުރީ %3 ގައެވެ. އޭގެ ފަހުން ފައްސިވާ މީހުންގެ ނިސްބަތް ދަށުގައި ހުންނަތާ ދިހަ ދުވަސް ފަހުން އަނެއްކާވެސް ހޮނިހިރު ދުވަހު ވަނީ ފައްސިވާ މީހުންގެ ނިސްބަތް %3 އަށް އަރާފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު ވެސް 100 އިން ދަށުގައި ހުންނަތާ ތިން ދުވަސް ފަހުން ހޮނިހިރު ދުވަހު ވަނީ 162 މީހުން ފައްސިވެފައެވެ. ހޮނިހިރު ދުވަހަކީ އޮގަސްޓް މަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު އަތޮޅުތެރެއިން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.