އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސޯލިހާގެ ނަން އޮތުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރުގެ ނަން އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި އޮތުމަކީ ބޮޑު ޖޯކެއް ކަމަށެވެ. މި ކަން މިހެން އޮތުން ބަލައެއް ނުގަނެވޭނެ ކަމަށް ވެސް ރޮޒައިނާ ލިޔުއްވާފައިވެއެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓު ލެވެންވީ ކީއްވެގެންތޯ؟" އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި ރޮޒައިނާ ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ އަމިއްލަ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި 93،000 އެއްހާ މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ޕާޓީގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ވޯޓު ދެވެއެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނެނީ 50،000 އެއްހާ މެންބަރުންނެވެ. އެ ތަފާތު އައިސްގެން އުޅޭ އެއް ސަބަބަކީ އިނގިލީގެ ނިޝާން ނުހިމެނޭ ފޯމުތަކުގެ މެންބަރުން އިލެކްޝަންސް އިން އުނި ކުރުމުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖުމުލަ 455 މަގާމަކަށް މީހުން އިންތިޚާބު ކުރާއިރު، 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން އެ މަގާމުތަކަށް ކުރިމަތިލައްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ ކެންޑިޑޭޓަކު މަގާމަކަށް ކުރިމަތިލައިގެން ވޯޓަކާ ނުލައި 165 ކެންޑިޑޭޓުން މިހާރު ކާމިޔާބުކޮށްފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތުންނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ރޮޒައިނާ އަކީ ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި ހަސަން ލަތީފަކީ ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ގައުމީ މަޖިލީހުގެ އިންތިޚާބަށް ދެ ފަރާތުން ވެސް ނުފޫޒުތަކެއް ފޯރުވާ ކަމުގެ ތުހުމަތުތައް އެކަކު އަނެކަކަށް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްނި

    ތިވަރުވީމާވެސް އަދިވެސް ގަބޫލެއްނުކުރަންތޯ އެމްޑީޕީ ލިސްޓަކީ ސައްހަލިސްޓެއްނޫންކަން އިލެކްސަނުން މިކަމާމެދުގަ ގޮތެއްނިންމާ ދެޕާޓިންކުރެ ކޮނމެވެސް އެއްޕާޓީ އަކައް އަދަބެއްލިބެންޖެހޭނެ

    14
  2. ހުސޭނުބޭ

    90 ހާސް މީހުން ލިސްޓުގައި އޮވޭ! އެކަމަކު ވޯޓުލަނީ 20 ހާސް! ތިކަމުންވެސް ވައްކަންތަ ތިކުރަނީ!

    18
  3. ޙަސަނާ

    އެމް.ޑީ.ޕީއަކީ ކޮންމެ ކަމެއްގައި މަކަރާއި ހީލަތް ހަދާ ބައެއް. ޕާޓީގެ މެންބަރުންގެ އަދަދު އަމިއްލައަށް ގިނަކޮށްގެންވެސް އުޅެނީ އެގޮތަށް. އިންޑިޔާއަށް ގައުމު ވިއްކާލައިގެން އުޅެނީވެސް އެގޮތަށް.

    20
  4. ނާތަހުޒީބު

    ޕީޕީއެމްގެ އެތައް ބަޔަކު ތިޔަ ލިސްޓްގައި އެބައޮތެވެ. އެކަމަކު ވަކާލާތު ކުރަނީ އެމްޑީޕީ މިދުނިޔޭގެ އޮތް އެންމެ ބޮޑު ވަރުގަދަ ޑެމޮކްރަސީ ނަގަހައްޓާ އަދި ދަމަހައްޓާ ޕާޓީއަކީ އެމީހުން ކަމަށެވެ. ޕާޓީއެއް މިނިވަންވާނީ ދެން މިހާވަރަށެވެ. އަހަންނަށް ފެންނަނީ ވޯޓްލާދުވަހު ނޫސްވެރިން މިކަންކަން ވަޒަންކުރަމުން ގެންދިއުމަށެވެ.

    15
  5. ސަމާ

    އެއްވެސް ޕާޓީއެއްގައި ނުހިމެނޭ އަދި ކުރިން މޑޕގައި އުޅުނު އެތައްބައެއްގެ ނަން ތިލިސްޓްގައި އެބައޮވޭ.
    އެނަންތައް ރިމޫވުނުކޮށް ބަހައްޓަނީ މަކަރުހަދަން. އެމީހުން ވޯޓްލާން ނުދާނެކަން އިނގޭނެ ދެން އެއްމެ ފަހުވަގުތު އެމީހުންގެ ނަމުގައި ބޭނުންވާ ކޮޅަކަށް ވޯޓް އަޅާނެ

  6. ސައްޕޭ

    ގާދިއްފުށީ ކައުންސިލްގެ މެމްބަރ އަޙްމަދު ނާއިސް އަކީވެސް ޕީޕީއެމް ކައުންސިލާރ އެއް އެކަމަކު ގާދިއްފުށި އެމްޑީޕީ ވޯޓާސް ލިސްޓްގައި އެބޭފުޅާގެ ނަން އެބައޮތް
    ޕީޕީއެމް ކައުންސިލް ޕްރައިމަރީގައި ވޯޓްލި ބައިވަރު މީހުން އެބައޮތް އެމްޑީޕީ ވޯޓްލިސްޓްގައި
    ޕީޕީއެމް ލިސްޓްގައިވެސް އެބޭފުޅުން އޮވޭ

  7. ބިރުވެތި

    ދުވަހަކު ޕާޓީއަކަށް ނުވަންނަ މީހުންވެސް ތިޔަ ދަފުތަރެއްގައި އެބަތިބި. މީ ވަރަށް ވާހަކަ

  8. ތިޔަޕާޓީއައް

    އަސްލު އެމްޑީޕީ އެމްޑީޕީއަކައްވަނީ އެގޮތައް މަކަރާ އޮޅުވާލުން އޮންނާތީ ދުވަހަކު ޕާޓީއަކައް ނުވަންނަ މީހާވެސް އެބައޮވޭ ލިސްޓުގަ ދެން ނުވަދިހަ ކީއްކުރަން ދެލައްކަވެސް ހަމަކުރެވިދާނެ

  9. ފާތުމަ

    ތ.އަތޮޅުގެ ލިސްޓް ތައް ޗެކު ކޮށްލުން ރަގަޅުވާނެ. ކުރީގެ އެމް.ޑީ.ޕީ ބައެއް މެމްބަރުން މިހާރު އެމް.އެން.ޕީ އަށް ބަދަލު ވެފައި ވާތީ