ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ލީކުވުމުން އެ އޯޑިއޯތަކުގެ ހަގީގަތް ނުހޯދައި ޔާމީންގެ މައްޗަށް ހިންގާ އިތުރު ޝަރީއަތްތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައި އެ ގާޒީންގެ އަޑުގެ ސާމްޕަލް ވެސް ވަނީ ނަގައިފައެވެ. އެ ތަހުލީލު ކުރަން ފުލުހަށް ފޮނުވުމުން ފުލުހުން ވަނީ އާންމުންގެ ތެރެއިން އޭގެ ތަޖުރިބާ ހުރި މީހަކަށް އެ މަސައްކަތް ހަވާލުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ޝިޔާމް ވިދާޅުވީ ޔާމީންގެ ޝަރީއަތަކީ ޖޭއެސްސީން ނުފޫޒު ފޯރުވައިގެން "ފަނޑިޔާރުން ރަހީނުކޮށްގެން" އިއްވި ހުކުމެއް ކަން އެ ފަނޑިޔާރުން އަމިއްލައަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

ހުޅުވާލެވިގެން ހިންގާ ޝަރީއަތްތަކުން ޔާމީން ޖަވާބުދާރީވެވަޑައިގެން ދައްކަވާ ކޮންމެ ވާހަކައަކުން ވެސް ޔާމީންގެ ކުށެއް ނެތް ސާފުކޮށް ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ފައިސާ ވެސް ނަންގަވައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އޯޑިއޯތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ، އެހެން މަރުހަލާތަކުގެ ޝަރީއަތް ވެސް ކުރިއަކަށް ނުގެންދެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގައި އެ ޝަރީއަތް ފަށައިގެން ކުރިއަށް އެބަދެއެވެ. މިހާތަނަށް އެ މައްސަލާގައި ތިން އަޑުއެހުމެއް ބާއްވާފައިވެއެވެ.

ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށާއި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށްދޭން ހުށަހަޅުއްވައިފައެވެ. އެކަމާ މެދު އަދި ޝަރީއަތަކުން ގޮތެއް ނިންމާފައި ނުވަނީ، ދިފާއުގެ ފަރާތުން ވެސް ފުރަތަމަ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމަށް އެދިވަޑައިގެންފައި އޮތުމުންނެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ެއެ އޯޑިއޯ

    އޯޑިއޯ ވީޑިއޯ ޕެންޑްރައިވް މިއެއްޗެހި ބަލަނީ ކީއަްކުރަން . ވައްކަން ނުކޮށް މަހު މުސާރަ ލިބޭމީހަކަށް މިލިޔަނުން ޑޮލަރ ލިބެނީ ކިހިނެއް. އެހެރީ ލާރި ފެންނަން. ބޮޑެތި ބިލިޔަނުން ގުނާލެވޭ އިމާރާތްތަށް ހަދަމުން ދަނީ.. ދެން އިތުރު ކޯއްޗެއް ބަލަން. ވައްކަން ވާނީ ވައްކަމަށް،

    3
    9
  2. އަބުދުﷲ

    ސިޔާމުއަށް އެބައެނގޭ ޔާމީނު އަތުގަ އެހެރަ ގިނަގުނަ ފައިސާތަކަކީ އޭނަގެ ހަލާލު މަސައްކަތުން ހޯދާފަ ހުރި ފައިސާނޫންކަން ދެންއޭނަގެ ދިފާއުގަ ބަސްބުނާ ބުނުމަކީ އަމިއްލަ ނަފްސައް އަނިޔާ ކުރުން ކަމުގަވާނީ.

    4
    8
  3. ކޮލި

    އޯޑިއޯގެ ހަގީގަތް ހޯދަން ކަލޭ ދޭބަލަ މަހަށް !

    2
    5
  4. ރަބަރޭ

    ޔާމީނުއަށް އިތުރަކަށް މިގައުމުގަ ކުރެވޭނެ ވެރިކަމެއް ހަމަނެތް ޔާމީނު އުނަގަޑު ހުރީ މައްސަލަ ޖެހިފަ ޔާމީނުއަށް އިރުކޮޅަކު ތަނެއްގައި އިސީއްދެ ނީދެވޭ މިވަރުގެ މީހަކު ގައުމަކާ ހަވާލުވީމަ ދެންވާނީ ކިހިނެތް
    ޔާމީނުގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދައްވެފާ

    2
    6
  5. ނަސީމް

    އާން ކަލޭވިއްޔާ ސްރީމްކޯޓް އިސް ފަޑިޔާރަކީ ކަލޭބުނާހާ ގޮތަކަށް ޝަރިއަތްކުރަން. ބޯގޯސް ތިމަރަބޯ.

    1
    3
  6. އަލްޖިބްރާ

    ޝަރީއަތް ކުރަންވީގޮތް އެގޭނީ ކަލެއަކަށް ނޫން ! ޝަރީޢަތް ކުރަންވީގޮތް އެވަނީ އިސްލާމީ ޝަރުޢީ ނިޒާމުމުގައި ކަޑައެޅި ނިމިފަ ! ކަލޭތީ ކާކު ؟

    2
    4