ލީޑާޝިޕް ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި މަހު 16 އިން 18 އަށް ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެން ދިޔަ އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ލެފްޓިނަންޓް ކާނަލް އިބްރާހީމް އަޝްރަފެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދިޔަ އެކިއެކި ހަރަކާތްތަކުގައި އެންމެ މޯޓިވޭޓް ފިރިހެން އަދި އަންހެން ބައިވެރިން ހޮވައި އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

MNDF/ MTCC
އެމްޓީސީސީ މުވައްޒަފުންނަށް ސިފައިން ހިންގި ތަމްރީން ޕްރޮގްރާމްގެ ތެރެއިން

އެމްޓީސީސީ 60 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގެ، ލެކްޗަރާއިންނަށާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ. އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރައްޔިތުން ހިއްސާވާ ބައެއް ކުންފުނިތަކާއި، މިނިވަން މުވައްސަސާތަކާއި، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.

އެމްއެންޑީއެފުން ހިންގި ޕްރޮގްރާމްގެ ތެރެއިން

ޕްރޮގްރާމްގެ ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އޮފިސަރުންނާއި އެމްޓީސީސީގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެލެއްވިއެވެ.