މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ސިޔާސީ ގޮތުން މަސައްކަތް ކުރާނެ ގޮތް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށް އެމްއެންޕީގެ އެއް މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ވަގުތު" ގެ "ހަވާސް" ޕްރޮގްރާމްގައި އާއްމުން ވަނީ އެމްއެންޕީ އިން މަސައްކަތް ކުރާނީ ސަރުކާރާ އެކުގައިތޯ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިތޯ ސުވާލު އުފައްދާފައެވެ. އެ ސުވަލުތަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ މަސައްކަތް ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އެކަން ނިންމާނީ ކައުންސިލުން ކަމަށް ވާއިރު ޕާޓީގެ މަސައްކަތްތައް ވަކިގޮތަކަށް ކުރިއަށް ގެންދަން ހުށަހެޅުމުގެ ވިސްނުމެއް ނެތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހުރި ނުރަނގަޅު ކަންކަމާއި މެދު އަޑު އުފުލަމުންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

" ޕާޓީގެ ކައުންސިލުން ނިންމާނީ ޕާޓީ އޮންނާނީ އޮޕޮޒިޝަންގައިތޯ. ނޫނީ ސަރުކާރާ އެކުގައިތޯ. ކޮންމެ ސަރުކާރެއްގައި ވެސް ގޯސްކަންކަން ހުންނާނެ. އަޅުގަނޑުމެން މިދަނީ އެކަންކަމާ މެދު އަޑު އުފުލަމުން، ވާހަކަދައްކަމުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕާޓީގައި ތިބީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކޮޅެއް ކަމަށް ވާއިރު މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރެވިދާނެކަމަށް ގަބޫލުކުރެވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މިހާރު ތިބި މެމްބަރުންނާއި އެކުގައި މަޖިލީހުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެމްއެންޕީ އަކީ ގައުމީ ފިކުރެއް ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީ އިން ސަރުކާރާއި އިދާރާތައް ޖަވާބުދާރީ ކުރުވާނީ އަޑުގަދަކޮށްގެން ނޫން ކަމަށާއި އެމްއެންޕީ އިން ބޭނުން ވަނީ އަހުލާގު ރަނގަޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ދެމި އޮތުން ކަމަށެވެ.

އެ ޕްރޮގްރާމްގައި ނާޒިމް ވަނީ ޕާޓީގެ ހިންގުމާއި މެދު އާއްމުން ކުރި ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ގުޅުމަށް ފަހު ޕާޓީ އާއި ދުރަށް ދާން ނިންމީ ކީއްވެގެންތޯ އާއްމުން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ ޕާޓީތަކާއި ގުޅުމާއި ޕާޓީ އިން ދުރަށް ދިއުމަކީ ޑިމޮކްރަސީގައި ކޮންމެ މީހަކަށް ލިބޭ އިޚުތިޔާރެއް ކަމަށެވެ.

ނަމަވެސް އުންމީދަކީ އެ ދެބޭފުޅުން އަނބުރާ ޕާޓީ އާ ގުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނާއި މެދު ފައިސާގެ މުއާމަލާތްތަކެއް ހިނގިކަމަށް ދެކެވޭ ވާހަކަތަކައް ރައްދުދެއްވާ ނާޒިމް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ފައިސާ ދީގެން ޕާޓީ އަށް މީހުން ވެއްދުމަކީ އެމްއެންޕީގެ އުސޫލެއް ނޫން ކަމަށެވެ. މީގެ އިތުރުން ބައެއް ނިކަމެތި އާއްމުންނަށް ފައިސާދީގެން ޕާޓީ އަށް ސޮއިކުރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނާޒިމް ވިދާޅުވީ އެފަދަ ކަމެއް ހިނގާ ނަމަ އެކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ޕާޓީގެ މުއައްސިސުންވެސް ޕާޓީ ކުރިއަރުވަން ބޭނުންވާ ގޮތް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެމްޕީއެންގެ ކުރިމަގާއި މެދު ގިނަ އުންމީދުތަކެއް ކުރެވޭކަން ފާހަގަކުރައްވާފައެވެ. މި ވަގުތު ރާއްޖޭގައި އޮތް ބޮޑު ދެ ފިކުރުކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް އާއި މެދު އާއްމުން މާޔޫސްވެފައިވާ ކަމަށާއި އާޢްމުން ބޭނުންވަނީ ބަދަލެއް ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަ

    ހެހެ ތިޔަޕާޓީން މިގައުމުގެ ވެރިކަން ކުރެވޭނެބާ 😂😂😂😂😂😂

  2. މުރާލި ނާޒިމް

    ސިޔާސީގޮތުން މަސައްކަތް ކުރަންވީ ކުރިންވެސް ނާޒިމްގެ ޝަހުސީ މިޒާޖުގައި ހުންނަ ޒާތީ ގޮތަށް