ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހުންނަ "ފިޔަވަތި" ގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ވަރު ހާމަވެފައިވަނިކޮށް، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މާދަމާ ރޭ އިހްތިޖާޖް ކުރުމަށް ނިންމައިފިއެވެ.

މި އިހްތިޖާޖް ކުރިއަށް ގެންދަނީ "ރައިޒް އަޕް މޫވްމަންޓް" އިން އިންތިޒާމުކޮށްގެންނެވެ.

ރައިޒް އަޕް މޫވްމަންޓްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެ އިހްތިޖާޖް ކުރިއަށް ގެންދަނީ މާދަމާ ރޭ 8:00 ޖަހާއިރުން ފެށިގެން ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެ އިހްތިޖާޖްގައި ބައިވެރިވުމަށް އެ ހަރަކާތުގެ ފަރާތުން އެދޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މި އިހްތިޖާޖްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ހިޔާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެ ކުދިންނަށް ދައުލަތުގެ އިހުމާލު އެ ވަރަށް އޮތުމުން ހިނގަމުންދާ ކަންކަން ކަމުގައި ދެކޭތީ އެ ކަމަށް ހައްލެއް ގެނައުމަށް ޖެންޑާ މިނިސްޓްރީއަށް އެ އަޑު އިއްވައިދިނުމެވެ.

މިދިޔަ ހުކުރު ދުވަހު ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އިއްޔެ ހަވީރުން ފެށިގެން އެ ތަނުގެ ކުދިން އެ ތަނުގެ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށް ހަދާފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނަނީ އެ ކުދިން އަބަދުވެސް ފުރަޅާށް އަރާ ހިތްވާތީ އެ ފުރުސަތު އަބަދުވެސް ދޭ ކަމަށެވެ. އެކަމަކު މީހުން ކައިރިއަށް އައިސް އެ ކުދިންނާ ދިމާއަށް ބަލާތީ "ޓްރިގާ" ވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ފިޔަވަތީގެ ޖާގައަށް ވުރެ ގިނަ އަދަދެއްގެ ކުދިން އެ ތަނުގައި ބަހައްޓާފައިވާއިރު، އެކަށޭނަ އަދަދަށް މުވައްޒަފުން ވެސް ނެތެވެ. އަދި އެތައް މައްސަލައެއް އެ ތަނުން ފާހަގަވެގެން އެބަ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    ހިންނަވަރު އިބްރާހީމުގެ މިނިވަން ނޫސްވެރިކަން އެންމެ އުހުގައި ފިޔަޖަހަނީ

  2. މަވެސް ދާނަން

    ސާބަހޭ. މިފަހަރު ވާނެ އައިސާ ދީ ބޭރުކުރަން!

  3. ރިޔާސީ

    ޖެންޑާ މިނިސްޓްރީގެ އިތުރުން މަޖުލިހާ ހިއުމަން ރައިޓްސް ކަމިޝަނު ކުރިމަތީވެސް މުޒާހަރާ ކުރަންވީ. ފެއިލްވެއްޖެ ފެއިލްވެއްޖެ. ބޮޑު ތަނުން ފެއިލްވެއްޖެ

  4. ޔުމްނާ

    ޖެންޑަރގެ މިނިސްޓަރާ ނައިބުން އިސްތިއުފާދޭން ޖެހޭ…ބޮޑު މުސާރަބނަގައިގެން ކޮންމެހެން މަގާމުގަ ބަގުޑި ބައްދައިގެން ތިބޭކަށް ނުޖެހޭ… ހުރިހާ ކޮޅަކުންވެސް ރައްޔިތުންނަށް ފެންނަނީ ޖެންޑަރ ފެއިލްވެފަ އޮތްތަން

  5. ޔޫތް ލީ

    ވީ ޔޫތް އާ ވިތް ޔޫ! ޒިންދާބާދު!