ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެންނާއި ގައުމުގައި ހުރި މައްސަލަތަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ފެށުމާއިއެކު ފުލުހުން މުޒާހަރާއަށް ހުރަސް އަޅައިފިއެވެ.

ޕީޕީއެމް އޮފީސް ކައިރިން މުޒާހަރާ ފެށިތަނުން އެސްއޯ ފުލުހުން ވަނީ ޝީލްޑް ހިފައިގެން މަގުމައްޗަށް ނިކުމެ މުޒާހަރާއަށް ހުރަސް އަޅާފައެވެ. މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރުމުން ޕީޕީއެމް އޮފީސް ކައިރިން ބައެއް މީހުންނަށް އަނިޔާވިއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި ވަރަށް ގާތުން ޕެޕާ ސްޕްރޭ ޖެހުމުންނާއި އާދަޔާއި ހިލާފަށް ބޮޑަށް ބާރުގެ ބޭނުން ކުރުމުން އަނިޔާވި މީހުންގެ ތެރެއިން ދެއަންހެނަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މުޒާހަރާ ފެށުމާއިއެކު ފުލުހުން ވަނީ ފުލުހުންގެ ހާއްސަ ފާސް ނެތް ނޫސްވެރިންނަށް ނޫނީ މުޒާހަރާ ކަވަރު ނުކުރެވޭނެކަން އަންގާފައެވެ. އަދި ނޫސްވެރިން ތިބެން ޖެހޭ ސަރަހައްދެއް ކަނޑައަޅާ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލާ ސަރަހައްދު ނުފެންނަ ހިސާބަށް ނޫސްވެރިން ފަހަތައް ޖެއްސިއެވެ.

ފުލުހުން ހުރަސް އަޅަމުން ދަނިކޮށް މުޒާހަރާ ވީޑިއޯ ކުރަން ނޫސްވެރިޔަކު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް
ފުލުހުން ހުރަސް އަޅަމުން ދަނިކޮށް މުޒާހަރާ ވީޑިއޯ ކުރަން ނޫސްވެރިޔަކު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް

މުޒާހަރާ އަށް ފުލުހުން ހުރަސް އެޅި ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން ކުރިއަށް ގޮސް މާލޭގެ އެތެރޭގެ މަގުތަކަށް ވަދެފައެވެ. އަމީނީމަގުން މުޒާހަރާގެ ބައިވެރިން ކުރިއަށް ދަނިކޮށް ވެސް ފުލުހުން ހުރަސް އެޅިއެވެ. އެހިސާބުން އަނެއްކާވެސް އެތެރެއަށް ވަދެ، ދެން މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔައީ ބޮޑުރަސްގެފާން މަގުންނެވެ. އެމަގުން ކުރިއަށް ގޮސް މަޖީދީ މަގަށް ނިކުމެ މަޖީދީމަގުން ކުރިއަށް ގޮސް މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅީގައި މުޒާހަރާގެ ބައިވެރިން އިށީންނިއެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅީގައި އިށީންނުމާއިއެކު އެސްއޯ ފުލުހުން އެސަރަހައްދަށް އައިސް މުޒާހަރާގެ ބައިވެރިން ވަށާލިއެވެ. މުޒާހަރާގެ ބައިވެރިން ޗާންދަނީމަގުގެ ދެކުނަށް ޖެއްސުމުގެ މަސައްކަތް ފަށަމުން ފުލުހުން ފުރަތަމަ ވެސް ބާރުގެ ބޭނުންކުރީ ނޫސްވެރިންނާއި ދެކޮޅަށެވެ.

ފުލުހުން ބާރުގެ ބޭނުން ކުރުމުން ޗެނަލް-13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހްގެ ބޯ ފަޅައިގެން ގޮސް އިތުރު ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވިއެވެ. ގިނަ ނޫސްވެރިންގެ ގަޔަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާފައެވެ. ސަމާހްގެ އިތުރުން ޗެނަލް 13 ގެ ކެމެރާމަން މުހައްމަދު ޝަހީމަށް ވެސް ފުލުހުންގެ ފަރާތުން އަނިޔާވިއެވެ. އެދެމީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ.

ނޫސްވެރިޔަކަށް އަނިޔާވެފައި - ވަގުތު އިމޭޖްސް
ނޫސްވެރިޔަކަށް އަނިޔާވެފައި - ވަގުތު އިމޭޖްސް

މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅީގައި ތިބި މުޒާހަރާގެ ބައިވެރިން އެސަރަހައްދުން ފޮނުވާލަން ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންނަށް ވެސް އަނިޔާވިއެވެ. އޭގެތެރެއިން ބައެއް މީހުން ވެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ.

މުޒާހަރާ ރޫޅާލީ ޗާންދަނީމަގުން ކުރިއަށް ގޮސް ބޮޑުތަކުރުފާނު މަގަށް ނިކުމެ ޕީޕީއެމް އޮފީސް ކައިރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝަރީފު

    ކޮވިޑް ދައްވެލާއިރަށް އަބޭ ފަޅޮލޭ ކިޔާފަ ނިކުންނާނެ ތީ ވެރިކަން ދެން ލިބޭނެ މަގެއް ނޫން.

    10
  2. ރަބަރޭ

    ޢެސްއޯ ފުލުސް ކޮމާންޑަރު އިސްހާގު ޒިންމާވާންޖެހޭނެ! ގާނޫނާ ޚިލާފަށް ނޫސްވެރިންނަށާ ޢާންމުންނަށް އަނިޔާދީފައިވާނަމަ!!

    13
  3. Anonymous

    ޕޮލިސް ރައިޔިތުންނަށް އަނިޔާ ނުކުރޭ . ތިހެން ކަންކުރަންޏާ އެ ދުބަސް ތަކުރާރު ވެދާނެ .

  4. އިސްޢާފް ސަލީމް

    މުޒާހަރާއެއްކަހަލަ މުޒާހަރާއެއްކޮށްފިއްޔާ އަދި ޙާލަކީ ކޮބައި؟ މީތަ މައުމޫނު އެބުނާ ދުލާ ޤަލަމުގެ މިނިވަންކަމަކީ؟

    10
  5. އޮބްޒާވަރ

    މި ޤައުމުގެ ފުލުހުންނަށް މިހާރު ކުރެވޭހާވެސް ކަމަކީ ސިޔާސީ ޙަރަކާތް ހުއްޓުވުމެވެ. ޢާއްމު ފަރުދުންނާ ގުޅޭ ކަންކަމުގައި ފުލުހުން ވަނީ ޣާފިލުވެފައެވެ. ރައްޔިތުން ހުށަހަޅާ މައްސަލަތައް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ކަމާމެދު އޮފިސަރަކާ ގުޅޭނެ ގޮތެއް ވެސް ނުވެއެވެ. ފޯނުކުރުމުން ބުނަނީ މިވަގުތު ނުއުޅުއްވާ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ލިބެން ހުރި ހުރިހާ މަންފާ ތަކެއް މެކުހަށް ނަގައިގެން ރައްޔިތުންގެ ހަތުރުންނަށްވުމަކީ ކިޔާ މޮޅުކަމެއް ހެއްޔެވެ؟

  6. ތެދު ބަސް

    "ފުލުހުން" މިކަން އަޑުއިވުނަސް ކުރައްވާ ފޫއްސެއް ބުނާކަށްވެސް ނޭނގެ އެވެ. ވަރަށް ގޮތް ކުޑަ ބައެކެވެ. އަދިވެސް އުޅެނީ ލިބޭ އިނާޔަތްތައް ކުޑަވެގެންނެވެ. އެކަށީގެންވާ މިންވަރާ ގާތައްވެސް ޚިދުމަތެއް ނުދެވެއެވެ. ދިވެހި ފުލުހުންނަކީ މުޅި ދުނިޔޭގައިވެސް އެންމެ ކަންނެއް އެންމެ ނާލާއިގު ފުލުހުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

  7. Anonymous

    ފުލުހުންގެ ވާހަކަ ރަނގަޅުވާނީ މިއުޑު ދަށުގައި ނުދެއްކިއްޔާއެވެ. ފާޑުފާޑުގެ ކުލަކުލަ މޭމަތީގައި ތަތްކޮށްގެން ކޮނޑަށް އެތައް ފީތާއެއް އަރުވައިގެން އުޅޭ ފުލުސް މީހާ ދުވަހަކު ކުރާމަސައްކަތްތައް ވަޒަން ކުރާނަމަ ކޮންމެ މަހަކު ކުލައެއް އުނިކުރަމުންގޮސް އަހަރު ހަމަވާއިރު ޔުނީފޯރމްވެސް ބާލުވަން ޖެހޭ ހިސާބަށް ދާނެ އެވެ.

  8. ޢިކުރާމު

    ތަޅާނެބަޔަ ކު ނެރެގެންތަޅަން ބުނި ބައިގަނޑައް ފުލުހުން ހިމާއަތް ދޭންޖެހޭނެ ކަމެއްނެތް

  9. Anonymous

    ދިވެހި ފުލުހުންތޯ އެތާ ތިބީ ބަލަން އެބަޖެހޭ! މިހާ އަނިޔާވެރި ބަޔަކު ދިވެހި ރައްޔިތުން ހިމާޔަތަކު ނުތިބޭނެ. މިގައުމުގެ ރައްޔިތުންނަކީ ފިނޑި ހެދިހާ ގޮތެއް ހެދިގެން ތިބޭ އަމިއްލަ ނަފުސުގެ ގަދަރެއް ނެތް ބަޔަކަށް ވެއްޖެ.

  10. Anonymous

    އަނިޔާވެރިކަމުގެ ބަދަލު ލިބެންދާނީ ވަރަށް ހިތިކޮށް. ގައުމުގެ އެކަކު އަނެކަކު ނެތިކޮށްލާ ހިސާބަށް ދުއްވާލަން އިންޑިޔާގެ ރޯއިން ތަމްރީންކޮށްފަ ތިބި ބައެއް މި ފުލުހުންނަކީ.

    6
    1
  11. ކަތްދައްތާ

    އަހަރެމެންނަށް ނުވޭ އެއްގޮތެއް ވެސް. ނުދަން ތިތާކަށް ގޭގޭ ދޮށުގަ މީހުން ނެރެފަ ހުރި ކުނި މަގުމައްޗަށް އުކާކަށް! ބަލި މަޑުކަން ފެތުރޭއިރު މިނޫން ގޮތް ގޮތަށްވެސް ވެރިންގެ ސަމާލުކަމަށް މައްސަލަތައް ގެންދެވޭނެ ކަމަށް ޤަބޫލުކުރަނީ! ވަކި ބަޔަކަށް ސަޕޯޓެއް ނުކުރަން! ފިޔަވަތީގައި އެނޫން ގޮތަކަށް ކުދިންނާ މެދު ޢަމަލު ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރަން!