މިދިޔަ ހުކުރު ދުވަހުން ފެށިގެން ފިޔަވަތީގައި ހަމަނުޖެހުންތައް ހިނގަން ފެށިފަހުން ހަތަރު ކުއްޖަކު ގާކޮށި ފްލެޓަށް އަދި ތިން ކުއްޖަކު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ގާކޮށި ފްލެޓަށް ބަދަލުކޮށްފައި ވަނީ ހަތަރު ފިރިހެން ކުދިންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުންތައް ފެށުނު ފަހުން ތިން ކުއްޖަކު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އެކުދިންނަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެކުދިންނަށް ފަރުވާ ދެމުން ގެންދަނީ ނަފްސާނީ މައްސަލަތަކަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެއިން އެކުއްޖަކަށް ފުރަތަމަ ފަރުވާ ދިނީ ބެޑްޝީޓުން ކުއްޖާ ބަނދެގެން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ ކޮންޓްރޯލް ނުކުރެވިގެން ބަނދެގެން ކުއްޖާއަށް ފަރުވާ ދިނުމަށް ހުއްދަ ދިނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. "ފުރަތަމަ އިންޖެކްޝަން ޖެހީ ވެސް ކުއްޖާ ބަނދެއްފައި ބާއްވާފައި." މައުލޫމާތު ދިން މީހާ ބުންޏެވެ. އެކުއްޖާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

ފިޔަވަތީގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ޖެންޑާ މިނިސްޓްރީން މީޑިއާއަށް ހާމަނުކުރާތީ ކުދިންގެ ހާލަތާއި ގުޅޭ މައުލޫމާތެއް ވެސް ރަސްމީކޮށް ސާފެއް ނުވެއެވެ.

މިހާރު ފިޔަވަތީގެ ހާލަތު ގޯސްވެފައި ވާއިރު މީގެ ކުރިން އެތަނުގެ ހާލަތު މިހައި ބޮޑަށް ގޯސްވެފައެއް ނުވެއެވެ. މީގެ ކުރިން ހާލަތު ގޯސްވެ ބައެއް ހާދިސާތައް ހިނގާފައި ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. 💔

  އިންނާﷲ ވައިންނާ އިލައިހި ރާޖިޢޫން...
  ކުއްޖާ އެހާ ހިސާބަށް ދިޔަކަމީ ވަރަށް ދެރަ ކަމެއް.. ހަމަ އަޅާލާނެ އެކަކުވެސް ނެތީތޯ؟ މުޅި މުޖުތަމަޢު ފެއިލް.. 😭😭

  12
  4
 2. އަހުމަދު

  ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދިނުމުގައި ގެންގުޅޭ އުސޫލެއް. ޚާއްސަ ހާލަތްތަކުގައި ކުއްޖާއަށް އަނިޔާ ނުވާގޮތަށް ބެޑްޝީޓެއް ފަދަ އެއްޗަކުން ކުއްޖާގައިގައި ބައްދާހިފެހެއްޓުން. އެއީ އެކުދިން ބަލަހައްޓާ މުދައްރިސުންނަށް ދޭ ތަމްރީނެއްވެސް މެ.

  14
 3. ޖިމީ

  ކޮންކަހަލަ އިންޖެކްސަނެއްބާ ޖެހީ؟ ވެކްސިންބާ؟

  8
  4
 4. ޢަދުރޭ

  އިންސާނުން ނަށް ބޭނުންވަނީ އަޅާލުމާއި ލޯތްބެވެ. ލޯބި ދޭނެ މަންމަ އެއް ބައްޕައެއް ނެތްކަން ކުދިންނަށް އެނގޭ ހިސާބުން ދުނިޔޭގައި އުޅުމުގެ ހުރިހާ އުއްމީދެެއް ގެއްލޭނެއެވެ. އެ ޙާލަތުގައި ކުދިންނަށް ވިސްނައިދީ ހަދާނެ ބަޔަކު އެތަނުގައި ތިބެންޖެހޭނެއެވެ. މަރުވާން ބޭނުން ވެގެން އުޅޭ އިންސާނަކަށް ވުރެ ނުރައްކާ އެކައްޗެއްވެސް މި ދުނިޔޭގައި ނެތެވެ.

 5. ޙާމް

  އެނގިފައި އޮތް އެއްޗެެއް ކުށަކަށް ނުވާނަމަ މިސަރުކާރު އައުމުގެ ކުރިން ހުޅުމާލެ ފިޔަވަތީގައި ތިބެނީ 10 އަހަރުން ދަށުގެ ކުދިން. ނަމަވެސް މިހާރު ފިޔަވަތީގައި ތިބެނީ 18އަހަރުން ދަށުގެ ހުރިހާ އޭޖެއްގެ ކުދިން. އެތަން ބޮއްސުން ލައިގެން ދިޔުމުގެ އެއް އަސްލަކީވެސް އެއީއޭ ބުނެވިދާނެ.