ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުނަގަނޑުގައި މައްސަލަ ހުރެ ގިނައިރު އިށީނދެ އިންނަވަން ދަތިފުޅުވާތީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންނެވި ގޮތަށް މެންދުރުފަހު ޝަރީއަތުގެ އަޑުއެހުން ނުބާއްވަން ސުޕްރީމް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދަވާ ބެންޗުން ނިންމަވައިފިއެވެ.

އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޔާމީން ވަނީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެއީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް ޝަރީއަތް ގެންގޮސްދިނުމަށެވެ. އެ ގޮތަށް އެދިވަޑައިގަތީ އުނަގަނޑުގައި ރިއްސާތީ ހުއްޓުމެއް ނެތި އެއް ގޮތަކަށް އިށީނދެ އިންނަވަން ދަތިފުޅު ކަމަށް ވިދާޅުވެއެވެ. އޭރު ސުޕްރީމް ކޯޓުން ނިންމާފައި އޮތީ ހެނދުނު 09:00 އިން 12:00 އަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ފަހު ހުސްވަގުތުކޮޅަކަށް ފަހު 13:00 އިން ފެށިގެން 15:00 އަށެވެ.

މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ޑޮކްޓަރުންގެ ލިޔެކިއުންތާއި ސިއްޚީ ލިޔެކިއުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މިއަދުގެ ޝަރީއަތް މެންދުރުފަހުން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ޝެޑިއުލް އިން ޖާގަ ނުލިބިއްޖެނަމަ ކުރިއަށް އޮތްތަނުގައި މިމައްސަލައިގެ ޝަރީޢަތް މެންދުރުފަހު ވެސް ކުރިއަށް ގެންދަން ޖެހިދާނެކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަ ކުރައްވައި ބައެއް ހެކިތައް ވެސް ހުށަހަޅުއްވައިފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާލް އަލީ ޒާހިރެވެ.

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ މަރުހަލާގައި ހުށަހަޅުއްވާފައިނުވާ އާ ހެކިތަކެއް ވެސް ދެ ފަރާތުން ހުށަހަޅުއްވަން ވަނީ ނިންމަވައިފައެވެ.

ޔާމީންގެ ފަރާތުން ހުށަހަޅުއްވާ ބައެއް ހެކިތައް އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަކޮށްދެއްވައިފައެވެ. މި ގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން ސާބިތުވާނެ ހެކިތަކަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ނައިބު ރައީސް މުއައްވިޒުއާ ޔާމީން ބައްދަލު ނުކުރާކަން ސާބިތުކޮށްދިނުމަށް އަދީބާއި މުއައްވިޒުއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ މެސެޖްތަކެއް ވެސް ހިމެނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ.އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މެން

  ތިއިން އެގެނީ ޔާމީން ހުނާނީ ޖަލުގަކަން މޫނުމައްޗައް އެޖެހީ ދަޅައިގެ ތަފާޔެއް

  5
  14
 2. ސަޓޯ

  މިހުރީ ރަށެއް މިހާރު ހުރީ އިންޑިއާއަށް ދީފައި މާރިޔާ، އިބުރޭ ސޯލިހު އަންނި ބުނެގެން

 3. މަކަރު ހިޔަޅު

  ބޭނުންވަނީ ހުކުމްގެ ބާކީ އޮތްބައި ނިމެންދެން ނޫނީ ވެރިކަން ވައްޓާލެވެންދެން ޝަރީއަށް ދިގުދަންމާ ގޭގަ އަރާމުގަ އުޅެން. ލާރިގަޑުވެސް ލިބުނީ. އުފަލާ އަރާމުގަ ގޭގަވެސް އޮވެވުނީ. ސަރުކާރަށް ދައްކަން ޖެހޭ އެންމެ 5މިލިއަން ޑޮލަރ ގަޑުންވެސް ފައިދާ ނަގަނަގާ ނުދައްކާ ހުރެވުނީ..

  3
  12
 4. 420

  އެދިވަޑައި ގެންދިނަމަ ޖަލު ހުކުމާއި މެދު ވެސް 2 ވަނަ ވިސްނުމަކަށް ދެވިދާނެ

 5. ޣަސުރު

  ﷲހަދުމަކުރެެެ

 6. އަޖުނަމޮޓޯ

  ހާދަރަގަޅޭދޯ އަހަރެން އެދުނީމަ އަހަރެން ބޭނުންވާގޮތަށްވެސް ޝަރީއަތް ގެންގޮސްދޭނަންތަ

  1
  5