އެމްޑީޕީގެ ހަގީގީ ފެންވަރު މިހާރު ރައްޔިތުންނަށް އެނގޭ ކަމަށާއި ކޮންމެ ފަހަރަކު ވެރިކަން ލިބުމުން ދައްކަނީ ބަހަނާ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސިވިލްސް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވަނީ މި ވެރިކަން ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަމެއް އޮއްވާ އެމްޑީޕީގެ މެމްބަރަކު ރައްޔިތުންތަކަކަށް ލިބެން ޖެހޭ ހައްގުތަކެއް ހޯދަން އާދޭސް ކުރަން މަޖިލީހަށް ހުށަހަޅަން ޖެހުނީ އެހެންވެގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާ ސަރުކާރުގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ދޭން ނުކެރެނީ އެމްޑީޕީ އިން މަކަރު ހަދާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

" ފުރަތަމަ ކަމަކީ އެމްޑީޕީގެ ވަރު ހުންނަން ޖެހޭނެ ނޫންތޯ. އެމްޑީޕީ އަށް ވެރިކަން ދެވަނަ ފަހަރަށް މި ލިބެނީ. ކޮންމެ ފަހަރަކު އެމްޑީޕީ އިން ބުނަނީ އެބޯޓްވިއްޔޭ ވެރިކަން. މިފަހަރުވެސް އެ ބޯޓުވެގެން މިދަނި. ވެރިކަން ނިމެމުން މިދަނީ. " ޖާބިރު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ޖާބިރު ވަނީ ސަރުކާރާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިހާރު އާއްމުންގެ އިތުބާރާއި ތާއީދު އެމްޑީޕީ އަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް އަދުލު އިންސާފުގެ ވާހަކަތައް ދައްކާ، ރައްޔިތުންނާއި ގުޅުން ހުރި އެތައް ވައުދެއް އެމްޑީޕީ އިން ވަމުން ދިޔަ ނަމަވެސް އެ ވައުދުތައް ފުއްދުމުގައި އެމްޑީޕީ އިން ނާކާމިޔާބުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެގޮތުން މަސްވެރިންނަށް ހައްގު މިންވަރު ހޯދާ ދިނުމާއި ނުހައްގުން ހުކުމް ކޮށްފައިވާ މީހުން މިނިވަން ކުރުން ފަދަ ވައުދުތައް ނުފުއްދެނީ ކީއްވެގެންތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ.

"ނިކަން ބާރަށް ބުނާނެ ހޯހޯއޭ އަދުލު އިންސާފޭ. ހޯހޯ އޭ މުސާރަ ބޮޑުކުރަންވީއޭ. ހޯހޯއޭ ނުބައިކޮށްނޭ ހުކުމް ކުރީ. އެމްޑީޕީގެ ސައިޒް ރައްޔިތުންނަށް މިހާރު އަންޑަސްޓޭންޑް ވެއްޖެ. އަޅުގަނޑު މިއީ އެމްޑީޕީ މީހެއް. އެމްޑީޕީ އަށް ލޯބިކުރާ މީހެއް. ނަމަވެސް މިހާރު އަޅުގަނޑު ނުކުރަން ތާއީދެއް." ޖާބިރު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށުނު އިރު މެމްބަރެއްގެ ސުވާލަކަށް ޖަވާބުދެއްވަން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނަށް ވެސް ޖާބިރު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރި ހުކުމްތަކާއި މެދު ސުވާލު އުފެއްދެވުމަށް ފަހު އެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަދީބު މެދުވެރިކޮށް ބިރުދައްކައިގެން ކުރުވި ހުކުމްތައް އަސްލަކަށް ބަލައިގެން މިއަދު ކޯޓުތަކަށް ވަޑައިގަންނަވަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވިއެވެ. އަދި ރިއްފަތުގެ އިހުލާސްތެރިކަމާ މެދު ޖާބިރު ސުވާލު އުފެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަދުރޭ

    ޖާބިރު ދެން ނުހިފެހެއްޓޭނެ. ބޭނުން މީހަކާ ދިމާލަށް ބޭނުން އެއްޗެއް ބުނަން ކެރޭ ހަމައެކަނި ޕޮލިޓީޝަން

    8
    1
  2. ދިވެހި ރައްޔިތުން

    ޖާބިރު ބުންޏަސް ރަނގަޅު ވާހަކައެއް ވިއްޔާރަނގަޅު ތި ރިފްޢަތުގެ ނެތް އިޚްލާސްތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް

  3. ހޯކޯ މޫސަ

    ސާބަސް ޖާބިރު އަވަސްކުރޭ އެންމެން އެކީއެކައްޗެކޭ ކިޔައިގެން ނިކުންނަމާބަހީ މިވެރިކަން ހަމަގަށް އަޅުވައިލާން