ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

މި ދައުވާ މުއިއްޒުގެ މައްޗަށް އުފުލީ ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ދޮގު ހެކިބަސްދީ ބަޔާން ދީފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު 11:30 އަށެވެ. އެހެންވިޔަސް ކްރިމިނަލް ކޯޓުން ވިދާޅުވީ ދިފާއީ ވަކީލުންގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އޮތުމުން އަޑުއެހުން ކެންސަލް ކޮށްދޭން އެދިވަޑައިގަތުމުން އަޑުއެހުން މިއަދަށް ކެންސަލްކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލުގެ ހުކުމް އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތެވެ. ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި މުއިއްޒުގެ ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ.

މުއިއްޒުގެ ފަރާތުން ދިފާއީ ޝަރީއަތުގައި ވިދާޅުވެފައިވަނީ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. އިންކާރު ކުރައްވަނީ ދައުވާގައި ހިމެނޭ ކޮންމެ ކަމަކަށް ކަމަށެވެ. އެއީ ނެދަލޭންޑްސްގެ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަަށް އެއްވެސް ބަޔާނެއް ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެއެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނިކޮށެވެ. އެއީ ޖޫން 25، 2019 ގައެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ވަނީ ނޫމަޑިއާއެކު 2011 ގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި 2013 ގައި އެކުލަވާލި އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ލަސްތަކެއް ނުވެ ކުރަމުން ގެންދަނިކޮށް ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

މުއިއްޒަކީ އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރެވެ.

މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ ފުލުހަށް ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން މާ ތަފްސީލާ ޖަވާބެއް ދެއްވާފައި ނެތުމުން މަޖިލީހަށް ވެސް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފައެވެ.