އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އެ ކޯޓަށް ހުށަހަޅައިފިއެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އަމީންގެ މައްޗަށް ދައުވާކޮށްފައި ނުވާތީއެވެ. އެހެންވިޔަސް ފަހުން ހައި ކޯޓުން ވަނީ އޭނާ މާލެ ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރެފައެވެ. މާލޭގައި އުޅުނަސް، އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް މަނާވާނެއެވެ.

ހައި ކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، ހައި އިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު މާނަކޮށްދީފައިވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައި ކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ޕީޖީން ވިދާޅުވެއެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިހާދު

    ކިހާދެރަ ކަމެއް އެމެރިކާގެ އޮއްލިސްޓައްގެ ނަންއޮތޭ ކިޔާފަ މީހަކުގެ މިނިވަންކަން ނިއުޅަން ޖެހޭތަ
    މިނިވަން ކަމާ އިންސާފު އޮތީ ހަމައެކަނި ކެނަރީގެ ނަސީދު އަތުގަ ތޯ