ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ހުރި ފައިސާކޮޅު ހޭދަކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ސިވިލް ސާވެންޓުންގެ މުސާރަތައް ބޮޑު ނުކުރާ މައްސަލައިގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އެހުމަށް ގޮވާލާ މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދަތުރުކުރައްވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހުރި ފައިސާއިން ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ސާލިހު އަށް ތާއީދުކުރާ ފަރާތްތަކަށް ދައުލަތުގެ ފައިސާ އިން ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން މުސާރަ ނުލިބި ތިބި ސިވިލް ސަރވިސް މުވައްޒަފުން ތިބި ކަމަށާއި އެފަދަ ޝަކުވާތައް އިދިކޮޅު ފަރާތްތަކަށް ލިބެމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ ރާއްޖެ އަށް ލިބިފައިވާ ލޯނުތައް ހޭދަކުރާ ގޮތާއި މެދު ވެސް ޝިޔާމް ސުވާލު އުފެއްދެވިއެވެ.

"ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ހުރި ފައިސާކޮޅު ހޭދަކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް. އެމްޑީޕީ ތެރޭގެ މި އޮތް އިންތިޚާބުގައި ދައުލަތުގެ ފައިސާ، ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފައިސާ ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ވާދަކުރަން ތިބި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ތާއީދު ކުރާ މީހުންނަށް ހޭދަކުރާތަން އަޅުގަނޑުމެންނަށް މި ފެންނަނީ." ޝިޔާމް ވިދާޅުވިއެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވައުދުވެވަޑައިގެންނެވި ނަމަވެސް ސިވިލް ސަރވިސް މުވައްޒަފުން ވަނީ އެ މަސައްކަތް ލަސްވެފައިވާ ކަމަށް ބުނެފައެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށް ޕޭ ކޮމިޝަނެއް އުފެއްދި ފަހުން އަހަރުތަކެއް ވޭތުވި އިރުވެސް މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ މުވައްޒަފުންނާއި އާއްމުން ދަނީ އެ ކޮމިޝަނަށް ފާޑުކިޔަމުންނެވެ.

މުސާރަ ބޮޑު ނުކޮށްގެން ސިވިލް ސަރވެންޓުން ވަނީ ކަޅު ހެދުމުގައ އޮފީހަށް ނުކުމެ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހިމެނެއެވެ. އަދި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ދިނުން ހިމެނެއެވެ. ހަމައެހެންމެ މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީމް

    މުސްކުޅިވެ ބޮލާ ތުންބުޅީގަ ނުރަޖެހީމަވެސް ސަޑުނަގާފަ ޖެލްލައިގެން ހަރުކޮށްފަ މިދެންކާކު؟. ނުރަބޯ ޝިޔާމު. ހެ ހެ ހެ ހެެ ހޭ

  2. މޫސާ

    ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ވައުދުވެގެން އައި ބަޔަކީ ޕީ.ޕީ.އެމް އެކަމަކު އެކަން ކޮށް ނުދީ ހުރިހާ ފައިސާއެއް ވަނީ ޔާމީނުގެ އެކައުންޓަށް މިކަން އެގިހުރެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ. ތިޔަ ޔާމީނު ސަރުކާުން މުސާއެއް ބޮޑެއް ނުކުރޭ ދިނީ ޓެކްނިކަލްކޯ ކިޔާފައި 700ރުފިޔާގެ އެލަވަންސެއް ލަދުން ބޯހަލާކު.