ސިވިލް ސާވިސް މުވައްޒަފުންނާމެދު ސަރުކާރުން ހިންގަމުން ގެންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، އެ މުވައްޒަފުންގެ ހައްގުތައް ވަގުތުން އިއާދަ ކޮށްދިނުމަށް ޕީޕީއެމް އާއި ޕީއެންސީއިން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ފެށުނީއްސުރެ މިއަދާއި ހަމައަށް ސިވިލް ސާވިސް މުވައްޒަފުންނާމެދު ކަންތައް ކުރަމުންދަނީ ދެވަނަ ދަރަޖައިގެ މުވަައްޒަފުންގެ ގޮތުގައި ކަމަށެވެ. އަދި 2008ވަނަ އަހަރު އިންތިހާބުވި އެމްޑީޕީގެ ސަރުކާރާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލިކަން ފާހަގަ ކުރައްވާ، އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުވައްޒަފުންނަށް ލިބިދޭ އިނާޔާތްތައް ކަނޑާލުން ނުވަތަ އުނިކޮށްލުންފަދަ ކަންކަން ހިންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމަށް ވައުދުވެގެން އިންތިހާބުވި މިހާރުގެ ސަރުކާރުން އެ ވައުދުތައް ފުއްދުމުގެ ބަދަލުގައި ސިޔާސީ މަގާމްތަކެއް އުފައްދަމުންދާ މަންޒަރު ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބިނާކުރި ހިޔާ މަޝްރޫއުގައި ސިވިލް ސާވިސްގައި ހިމެނޭ، ޓީޗަރުން، ޑޮކްޓަރުން އަދި އާންމު މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކަނޑައެޅި ފްލެޓްތަކުގެ ބައެއް އުނިކޮށް، ސިޔާސީ މަންފާއަށް ރައީސް ސާލިހް އެމަނިކުފާނުގެ ގާތް މީހުންނަށް ބަހާލައިފައިވާކަމަށް ބުނެފައިވެއެވެ.

ސިޔާސީ މަގާމުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ސަސްޕެންޑް ކުރުމާއި، ވަކި ކުރުމުގެ އެތައް ހަރަކާތެއް ހިންގަމުންދާކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަމުންދާކަަމަށް ބުނެފައިވެއެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި، ވަަޒީފާއާއޮބެހޭ ގާނޫނާއި ހިލާފަ ސަރުކާރުން ހިންގަމުންދާ އަމަލުތައް އިތުރުވެފައިވާކަން ފާހަގަކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެ ކޯލިޝަނުން ސިވިލް ސާވިސް މުވައްޒަފުންނާއެކު ތިބިކަން ޔަގީން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަޒީރު

    ސޯލިހުގެ ސަރުކާރު ބޮޑުތަނުން ވެއްޓިއްޖެ ހުރިހާލާރިއެއް ކައިހުސްކުރީ ސޯލިހުވެރިކަމަށް ކެމްޕޭނުކުރަން .

  2. ސިވިލް ސަރވަންޓް

    ސިވިލް ސަރވަންޓުންގެ މުސާރަ އެންމެފަހުން ބޮޑުވީ ރ ނަޝީދުގެ ވެރިކަމުގަ. މުސާރައިން ބައެއްއުނިކުރީވެސް އެވެރިކަމުގަ. އެއަނބުރާދިނީ އެވެރިކަމަށްފަހު. މަސައްކަތުގެ ގަޑި ކުޑަކުރީ ރ ޔާމިނުގެ ވެރިކަމުގަ. ޓެކްނިކަލްކޯ އެލަވަންސްއާއި ސިވިލްސަރވަންޓުންގެ ފްލެޓްއަކީ ރ ޔާމީނު ވެރިކަމުގަ ފެށިކަންކަން. ފުރަތަމަ އޮނިގަނޑުގަ ސްޓެޕް އެލަވަންސް އޮތްނަމަވެސް އެއަށް ހިޖުރަކުރިފަހުން ސްޓެޕްލިބޭގޮތަށް އަމަލެއް ނުކުރޭ. ސިވިލްސާވިސް މުސާރަ ބޮޑޫކުރަން ބަޖެޓްނެތަސް އެހެންދާއިރާތަކުގެ މުސާރަ ބޮޑުވެއްޖެ. ގައުމުގެ ޖީޑީޕީއާއި އިންޕްލޭޝަން އެތައްގުނައެއް ބޮޑުވެއްޖެ. މުސާރަ ހަމައެގޮތުގަ. ސިޔާސީ ޕާޓީތަކެއް އަބަދުވެސް ތިބެނީ ސިވިލްސާވަންޓުންނާއެކުގައޭބުނާ ބަހުގެ އިތުބާރެއް މިހާރަކު މިމީހާއަކަށް ގައިމުވެސް ނެތް