ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތަށް ކުރިމަތިލި ފަރާތްތަކާއި ބިން ހަވާލުކޮށް، ރަސްމީކޮށް އެ މަޝްރޫއު އިފްތިތާހްކޮށްފިއެވެ.

އަރބަން ފާމިންގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަޙައްދު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެޗްޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން ތިން ގިންތިއަކަށް (އަންހެނުނަށް ޙާއްޞަ ކެޓަގަރީ، ޒުވާނުން / ނުކުޅުދުންތެރިކަމެއް ހުންނަ ފަރާތްތައް / އެހެނިހެން ކެޓަގަރީ) ބަހާލާއިގެން ތިން ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ހޮވިފައިވާ ކަމަށެވެ.

ހުޅުމާލެ ނެއިބާހުޑް ތިނެއް އިން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުސަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި މި ކޯޕަރޭޝަނާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކްއެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެގޮތުގައި ކުރިއަށް ގެންދާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫއެއް ކަަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު މަގްސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާއްމުދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް މަގްސަދު ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގާނެއެވެ. އަދި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން އުތުރު ފިޝަރީޒް މިނިސްޓްރީ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގާފައެވެ.

މިއީ އެޗްޑީސީ އާއި ޔޫއެންޑީޕީ އާއި ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ.

އަދި މި މަޝްރޫއުއަށް ލިބުނު ހޫނު ތަރުހީބާއި އެކު މި މަޝްރޫއު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އެރިއާއެއް ގާއިމްކޮށް އަދި މިފަދަ ބިންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުންވެސް ހުޅުމާލޭގެ މާސްޓާރ ޕްލޭން އެކުލަވާލެވި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަސަރަޙައްދުތަކެއް ކަނޑައެޅިފައިވާ އިރު، މި ފަދަ ތަންތަނަކީ ވެސް ރިވިއު ކުރެވި ޕްލޭންބަދަލުކުރުމުގެ މަސައްކަތް ދަނީ އެ ކުންފުނިން ކުރަމުންދާކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. މިގޮތުން މިފަދަސަރަޙައްދުތަކުން ވީހާވެސް ގިނަ ފަރާތްތަކަކަށް ފައިދާ ކުރާނެ ކަންތައްތައް ހިމެނިގެން ޕްލޭން ބަދަލު ކުރެވިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    މާތްކަލާކޯ! މިއީ ދަނޑުވެރިކަން ކުރާނެ ބިމެއް ނެތިގެން ރައްޔިތުން ޓެކްހަށް ދެއްކި ލާރިން ހިއްކި ބިމެއްތޯ؟ ކުލީގެ އަޅުން ދިރިއުޅޭނެ ގޮތެއް ނެތިގެން ތެޅިފޮޅޭއިރު މިއޮތް އަގުބޮޑު ބިމުގައި ފަޅޮލާއި މިރުހާއި ބަރަބޮލާއި ޗިޗަންޑާ ހައްދައިގެން ވިއްކުންތޯ ކަމަކަށް އޮތީ.

  2. ބޮލުރޮދި

    ކުޅޭކުޅޭ ޕުރޮޖެކްޓްސް