މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ހިމެނޭ ހަތަރު މީހެެއްގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

މި ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. މި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވެއެވެ.

މާދަމާ ޝަރީއަތް ފަށަނީ ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުގެ އެވެ. މިއީ އެ މައްސަލައިގައި ފުރަތަަމަ ދައުވާ އުފުލި މީހުންނެވެ. އެ މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މީގެ ތެރެެއިން ބޮން ގޮއްވާލަން ރިމޯޓް ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވޭ އަދުހަމް ވަނީ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރަން އުޅުނު އެއް ދައުވާ އުނިކޮށް، ޖުމުލަ 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ދެ ދައުވާއެއް ކުރަން ނިންމިއެވެ.

މުޖާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ނިރުބަވެރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް އަންނަ ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ތަހުމީނުގެ މައްޗަށް އުފުލާފައިވާ ނިރުބަވެރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެކެވެ. އޭގެ ޖުމުލަ އަދަބަކަށް އަންނަނީ 40 އަހަރުގެ ޖަލު ހުކުމެކެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ގިނަ އޮޕަރޭޝަންތަކެއްކޮށް ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. އޭގެ ފަހުން ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސލހ

    ސާލިހް ކަޅު ދަބަހުގައި ގެންދިޔަ ލާރިގަނޑު ކޮބާ؟ އަވަހަށް ހައްޔަރު ކުރަން ގޮވާލަން. ކަންކަން އަނބުރާލަން ކުރާކަމެއް.